Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް އިންތިޚާބުގައި ވާދަކުރައްވާ ދެ ރިޔާސީ ކެންޑިޑޭޓުންގެ ފަރާތުން ވެސް މިއަދު ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ މަސައްކަތް ކުރިއަށްދަނީ ވަރަށް އޮމާންކޮށް ކަމަށާއި، އަންނަ ބުދަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް 24 ގަޑިއިރު އެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.

މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން 25 މަންދޫބުންނަށް ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެ މަސައްކަތް ވަރަށް "ސްމޫތުކޮށް" ކުރިއަށްދާކަމުގެ މަޢުލޫމާތު ލިބޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ގެޒެޓްކުރި ވޯޓާސް ލިސްޓްގައި ސޮއިކުރަން ފަސް ދުވަހުގެ މުއްދަތެއް ދެއްވީ، އިތުރު ވަގުތު ބޭނުންވާ ކަމަށް އެއް ކެންޑިޑޭޓަކު އެދިވަޑައިގަތުމުން ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.

އަދި ޝަރީފް ވިދާޅުވީ ދެ ކެންޑިޑޭޓުން ވެސް ފޮނުއްވާ މަންދޫބުން ރަނގަޅަށް ޗެކްކޮށްފައި، އެއީ ގެޒެޓްކުރި ވޯޓާސް ލިސްޓްތޯ ނުވަތަ ނޫންތޯ ކަށަވަރުކޮށް، ސޮއިކުރެއްވުމަށް އެ ކޮމިޝަނުން އެދޭ ކަމަށެވެ.

މީގެ އިތުުރުން، ދެ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރި ލިސްޓް ނޫން އެހެން ލިސްޓެއް، 23 ސެޕްޓެމްބަރުގައި ވޯޓު ލާއިރު، މަރުކަޒުތަކުގައި ބޭނުންނުކުރާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.