Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

އިބޫއަށް ވޯޓް ދޭންވީ ވެރިންނަށް އަޅުވެތިނުވުމަށް: އީވާ

މައްޗަންގޯޅީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި އީވާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ރާއްޖެ އެމްވީ

މި ސަރުކާރުގެ މި ބިރުވެރިކަމުގައި ދެން ދުވަހުކުވެސް އުޅެން ބޭނުންނުވާނަމަ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގޮވާލައްވައިފި އެވެ.

އީވާ މިފަދައިން ގޮވާލެއްވީ ރޭ މައްޗަންގޯޅީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އީވާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރަށް ނިސްބަތްވާ ކުންފުނިތަކުގެ މުވައްޒަފުން އިބޫއަށް ވޯޓް ދޭންވީ ވެރިންގެ އަޅުވެތިކަމުގެ ތެރޭގައި ނޫޅުމަށް ކަމަށެވެ.

އަދި މި މަހުގެ 23 ވަނަ ދުވަހު ދިވެހި ރައްޔިތުން ލާ ވޯޓަކީ އަމިއްލަ ފަރުދީ މިނިވަންކަން ހޯދުމަށްލާ ވޯޓެއް ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި މުވައްޒަފުންގެ ވަޒީފާތަކަކީ ވެރިންގެ އިޚްތިޔާރުގައި އޮންނަ އެއްޗަކަށް ނުހަދާނެ ކަމަށާއި، ވަޒީފާތަކަކީ އަމިއްލަ އިޚްތިޔާރުގައި އޮންނަ އެއްޗަކަށް އަލުން އަނބުރާ ހަދާނެ ކަމަށެވެ.

އީވާ ވަނީ މިރޭ އިދިކޮޅު އިއްތިހާދުން ބާއްވާ ޖަލްސާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވާންވީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަތުމަށް ކަމަށާޢި، ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާ މަންޒަރު ފެނިއްޖެނަމަ ގިނަ ރައްޔިތުން އަނެއްކާވެސް ބިރުފަހަނައަޅާ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތަކުގައި ބައިވެރިވާން ނުކުންނާނެ ކަމަށް ވިދާޅުވެފަ އެވެ.