ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހަން އަމިއްލަ ގަލަން ވެއްދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީ އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވޯޓު ލާން ދާއިރު އަމިއްލަ ގަލަމެއް ގެންދަން އެއްވެސް އިރަކު މަނާކޮށްފައި ނުވާނެ ކަމަށާއި، އަމިއްލަ ގަލަމެއް ގެންދިއުމަކީ އެ ކޮމިޝަނުން ބާރުއަޅާ ވެސް ކަމެއް ކަމަށެވެ.
އެހެންނަމަވެސް ވޯޓު ލުމަށް ގެންދާ ގަލަމަކީ ކެމެރާއެއް ހަރުކޮށްފައި ހުރި ގަލަމެއްތޯ ނުވަތަ އެއީ ފޮހެވޭ ގަލަމެއްތޯ އީސީގެ އޮފިޝަލުން ބަލާނެ ކަމަށާއި، އެފަދަ ކަމެއް ހިނގާނަމަ އެކަމެއް ފުލުހުންނަށް ހުށަހަޅާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ވޯޓު ލާ މަރުކަޒުތަކުގައި އީސީ އިން ބާއްވާ ގަލަމާމެދު ޝައްކުވާ ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ގަލަމެއް ހިއްޕަވައިގެން ވޯޓުލުމަށް ވަޑައިގެންނެވުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، ޝަރީފް ވަނީ ވޯޓު ކަރުދާސްކޮޅުގައި އެ މީހަކު ވޯޓު ދިން ގޮތަށް އެ ވޯޓު ގުނޭނެކަމުގެ "100 ޕަސެންޓް" ޔަގީންކަން ދެއްވާފައެވެ.
ޝަރީފް މިހެން ވިދާޅުވެފައި މިވަނީ އީސީ އިން އިންތިޚާބަށް ރާއްޖެއިން ބޭރުން ގަލަންތަކެއް ގެނައި ކަމަށާއި، އެ ގަލަންތަކުން ފާހަގަ ޖަހާތާ އިރުކޮޅެއް ފަހުން، ފާހަގަ ފޮހެވިގެންދާ ވާހަކަ އިވިވަޑައިގެންފައިވާތީ އެކަން އިލެކްޝަންސް ކޮމިޝަނުން ސާފުކޮށް ދޭން ޖެހޭނެ ކަމަށް އިދިކޮޅު ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނިކޮށެވެ.