Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ސްރީލަންކަން އިން އެކްސްޕްރެސް ޑެލިވަރީގެ ޚިދުމަތް ފަށައިފި

ސްރީލަންކަން އެއާލައިންސް ކާގޯ އާއި ޑީޓީޑީސީ އެކްސްޕްރެސް ގުޅިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން އެކްސްޕްރެސް ޑެލިވަރީގެ ޚިދުމަތް ފެށުމަށް ހަމަޖެހިއްޖެ އެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހުވަދު އަތޮޅަށް އަމާޒުކޮށްގެން ސްރީލަންކަން އިން އަލަށް ފަށާ މި ޚިދުމަތުގެ ދަށުން އެފަދަ ދެވަނައެއް ނެތް ރަނގަޅު އަގުތަކެއްގައި ޕާރުސަލްތަކާއި ލިޔެކިޔުންތައް އެއް ތަނުން އަނެއް ތަނަށް ފޮނުވޭނެއެވެ.

އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުން މި ޚިދުމަތް ހޯދުމަށްޓަކައި ޖެހޭނީ ފޮނުވަން ބޭނުންވާ އެއްޗެހި ބަންދުކުރުމަށްފަހު ފޭދޫގައި ހުންނަ ސްރީލަންކަން އެއާލައިންސްގެ ޓިކެޓިން އޮފީސް އަށް ފޮނުވާށެވެ. އަދި ފުވައްމުލަކާއި ހުވަދޫ އަތޮޅުގައި ދިރިއުޅޭ ރައްޔިތުން ފެރީ މެދުވެރިކޮށް ބޭނުންވާ އެއްޗެހި އައްޑޫ ސިޓީ އަށް ފޮނުވުމުން، ސްރީލަންކަން އިން އެ ތަކެތި ނެގުމަށްފަހު، ބޭނުންވާ މަންޒިލަކަށް ޑެލިވަރ ކޮށްދޭނެއެވެ.

ސްރީލަންކަން އިން ބުނީ މި ޚިދުމަތުގެ ދަށުން އައްޑޫގެ ކޮންމެ ތަނަކަށްވެސް އަދި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް އެއްޗެހި ފޮނުވޭނެ ކަމަށެވެ. މީގެ އިތުރުން މި ޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ބޭނުން އެއްޗެއް ފޮނުވޭނެއެވެ. އަދި އެއް ދުވަހުގެ ތެރޭގައި ސްރީ ލަންކާގެ ކޮލޮމްބޯއަށް ޕާރުސަލް ފޮނުވޭނެ ކަމަށްވެސް ސްރީލަންކަން އިން ބުނެއެވެ.

ސްރީލަންކަން އެއާލައިންސް މެދުވެރިކޮށް ޑީޓީޑީސީ އިން ފޯރުކޮށްދޭ މި ޚިދުމަތުގެ ތެރެއިން ފޮނުވާ ޕާރުސަލްތައް އޮންލައިންކޮށް ޓްރެކް ކުރެވޭނެ އެވެ. އަދި ބޭނުންނަމަ ޕާރުސަލް ބަލާ ގެއަށް އައިސް، ބޭނުން ތަނަކަށް ޕާރުސަލް ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ޑީޓީޑީސީ އިން ދެއެވެ.

މި ޚިދުމަތުގެ ދަށުން ފޮނުވާ ހުރިހާ ޕާރުސަލެއް ވެސް ޑެލިވަރީ ކުރެވެންދެން ވަރަށް ގާތުން މޮނީޓާ ކުރާނެ ކަމަށް ޑީޓީޑީސީ އިން ބުނެއެވެ. މި ޚިދުމަތަށް ދިވެހި ރުފިޔާއިން ވެސް ފައިސާ ދެއްކޭނެއެވެ.

މީގެ އިތުރުން، މި ޚިދުމަތުގެ ދަށުން ފޮނުވާ އެއްޗެހި ފެންވަރު ރަނގަޅު ޑީޓީޑީސީގެ ބްރޭންޑެޑް ފޮށިގަނޑުތަކުގައި ބަންދުކުރެވޭނެ އެވެ.

ޑީޓީޑީސީގެ އިން މިހާރުވެސް 23 ޤައުމެއްގައި ސީދާގޮތުން ކުރިއަރ ސަރވިސް ދެމުން އަންނައިރު، ޑީޓީޑީސީ އަކީ އިންޑިއާގެ އެންމެ ބޮޑު އެކްސްޕްރެސް ޑެލިވަރީ ސަރވިސް ދޭ ކުންފުންޏެވެ.