Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރައީސް ޔާމީން މާބައިދޫ ބަނދަރު ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ލ. މާބައިދޫގައި ތަރައްޤީކޮށްފައިވާ ބަނދަރު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހެނދުނު މިކަމަށްޓަކައި މާބައިދޫގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން އެކަމަށްޓަކައި ޚާއްޞަކުރެވިފައިވާ ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިލަދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، ލ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާގެ ޚިދުމަތް ފަށްޓަވައިދެއްވައިފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ. ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރު ހުޅުއްވައިދެއްވައި، ހައްދުންމަތީގެ ބޮޑުމަގު ހުޅުއްވައިދެއްވުމަށާއި، ލ. ފޮނަދޫ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.