ރިޔާސީ އިންތިޚާބު 2018 ގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޗެކްކުރަން ބޭނުންވާ ކަމަށާއި، އެއީ ރަނގަޅު ލިސްޓެއްނަމަ ސޮއިކުރާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރިޔާ މިހެން ވިދާޅުވީ ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރެސް ކޮންފަރެންސްތަކުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މާރިޔާ ވިދާޅުވީ އީސީ އިން ދޭ ވޯޓާސް ލިސްޓާއި އިދިކޮޅު އިއްތިހާދުގެ އަތުގައި އޮތް ލިސްޓް އަޅާބަލަން ބޭނުންވިނަމަވެސް، އެގޮތަށް އެކަން ކުރިއަށް ނުދާ ކަމަށާއި ބަލަން ޖެހެނީ އީސީން އާންމުކުރި ލިސްޓާއި ސޮއިކުރަން އީސީން ފޮނުވާ ލިސްޓް ކަމަށެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ކަންބޮޑުވުމަކީ އިއްތިހާދުން އެހާ ރަނގަޅަށް ލިސްޓް ޗެކްކުރަން ބޭނުންވާ އިރު، އިލެކްޝަންސް ކޮމިޝަނުން ދިއްކޮށްލާ ކޮންމެ އެއްޗެއްގައި ޕީޕީއެމުން ސޮއިކުރަން ތައްޔާރަށް އޮތުމެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ޕީޕީއެމްގެ އެހާބޮޑު އިތުބާރެއް އޮތީ ކީއްވެތޯ ވެސް މާރިޔާ ވަނީ ސުވާލު އުދައްދަވާފައެވެ.
މީގެ އިތުރުން، ހަމަހަމަކަމާ އެކީ ދެ ފަރާތަކުން އިންތިހާބަކަށް ނުކުމެ އުޅޭ ކަމަށް ވަންޏާ، އިދިކޮޅު މީހުންގެ ކަންބޮޑުވުމެއް އޮތިއްޔާ އެކަން ރައީސް ޔާމީންގެ ކަންބޮޑުވުމަކަށް ވެސް ވާން ޖެހޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އީސީއަކީ ޕީޕީއެމުން ބޭނުންވާ ގޮތަކަށް އަމަލްކުރަމުން އަންނަ މުއައްސަސާއެއް ކަމަށް އިއްތިހާދުން ގެންދަނީ ތުހުމަތުކުރަމުން އަންނަ އިރު، އީސީ އިން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރިޔާސީ ދެ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓްގައި ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފި ކަމަށާއި އެކަން ދަނީ ވަރަށް "ސުމޫތުކޮށް" ކަމަށެވެ.