މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓު ކަރުދާސްކޮޅުގެ ޑިޒައިން ނިންމައި ކުރިއަށް އޮތް ހަފްތާގައި ޕްރިންޓް ކުރަން ބަޔަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މިފަހަރުގެ ވޯޓު ކަރުދާހުގައި ވަރުގަދަ ސެކިއުރިޓީ ފީޗާޒްތަކެއް ހިމެނިފައިވާނެ ކަމަށާއި، އޭގެ ސައްހަކަން ކަށަވަރުކޮށްފައި ނޫނީ އެއްވެސް ވޯޓު ކަރުދާހެއް ނުގުނާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ސައްހަ ނޫން ކަރުދާސްތަކެއް ހުރި ކަމުގެ ރިޕޯޓުކުރި ކަމަށާއި، އެހެންކަމުން އެފަދަ ކަމެއް ދިމާވެއްޖެ ނަމަ އެކަން ސައްހަކޮށްފައި ނޫނީ ނުގުނާނެ ކަމަށެވެ.
އަދި ސައްހަކަން ކަށަވަރުކުރަން އެއްވެސް ކަހަލަ ވަސީލަތެއް އީސީން ބޭނުން ކުރަން ޖެހިއްޖެ ނަމަ، އެކަން ކުރަން ވެސް ކޮމިޝަން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ވޯޓު ކަރުދާސް ޕްރިންޓު ކުރުމާ ގުޅޭ ގޮތުން އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ ފަރާތުން ސުވާލެއް އައިސްފައި ނުވާ ކަމަށާއި، އެއްވެސް ސުވާލެއް އަތުވެއްޖެ ނަމަ، އެ ފުރުސަތު ދިނުމާ ބެހޭ ގޮތުން ޤާނޫނުގައި ބުނާ ގޮތަކަށް އަމަލު ކުރާނެ ކަމަށެވެ.
"ޤާނޫނުގައި އެ ކެންޑިޑޭޓަކަށް ދިނުން ލާޒިމް ކުރާ ނަމަ، އެ ފުރުސަތު ދޭނަން. ޤާނޫނުގައި ލާޒިމް ނުކުރާ ކަމަކަށް ފުރުސަތެއް ނުދެވޭނެ،" ޝަރީފް ވިދާޅުވި އެވެ.