Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ސިޔާސީ ހަރަކާތުގައި ބައިވެރިވާ ބިދޭސީންނަށް ފިޔަވަޅު އަޅަނީ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ބިދޭސީން ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް އިމިގްރޭޝަނުން ދީފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަޒީފާގައި އުޅޭ ބިދޭސީނާއި ޓޫރިސްޓުން އެއްވެސް މިންވަރަކަށް ސިޔާސީ ކަމެއްގައި ހަރާތްތެރިވުމަކީ ވިސާ ދިނުމުގެ އުސޫލާ ޚިލާފު ކަމެއް ކަމަށާއި، އެފަދަ ކަމެއް ކޮށްފި ފަރާތެއްގެ ވިސާ ކެންސަލްކުރަން ފަސްނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން އެދެނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީން ވެސް އަދި އެ މީހުން ލައްވައި މަސައްކަތްކުރުވާ ފަރާތުން ވެސް ރާއްޖޭގެ ގާނޫނުތަކަށާއި ގަވައިދުތަކަށް އިހުތިރާމްކުރާށެވެ،" އިމިގްރޭޝަންގެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، ޤަވާއިދުތަކާ ޚިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ވެސް ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ބިދޭސީން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިމިގްރޭޝަނުން ދިން އިރު، މާލެ އާއި ރަށްރަށުގެ މަގުތަކުގައި ޕީޕީއެމްގެ ދިދަފަތި ދެމުމާއި ކެމްޕެއިން ޖަލްސާތައް ބާއްވަން ތަންތަން ތައްޔާރުކުރުން ފަދަ ކަންކަމުގައި ސަރުކާރު ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކޮށްލެވެއެވެ.