Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ރައީސް ނަޝީދަށާއި ޤާސިމަށް އިންތިޚާބުގައި ވާދަކުރިޔަ ނުދިނީ އަޅުގަނޑު: ރައީސް ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޤާސިމް އިބްރާހިމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ނުދެއްވީ ރައީސް ޔާމީން ކަމުގައި އެމަނިކުފާނު އިއިުތިރާފްވެ ވަޑައިގެންފިއެވެ.

ރައީސް ޔާމީން މިކަމަށް އިއުތިރާފްވެވަޑައިގެންނެވީ ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ބުރިޖު ސަޅި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޖަލްސާގެ ބައިވެރިންނާއި މުޚާތަބު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ކެންޑިޑޭޓާއި ރަނިންގ މޭޓަށް އެމަނިކުފާނު ވާނީ ބޮޑުހެޔޮކަމެއް ކޮށްދީފައި ކަމަށާއި އެއީ ރައީސް ނަޝީދަށާއި ޤާސިމް އިބުރާހިމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޖާގަ ނުދެއްވީ އެމަނިކުފާނު ކަމަށެވެ.

"އިބުރާހިމް މުހައްމަދު ޞާލިޙު ކީއްވެގެންތޯ އަޅުގަނޑަށް ޝުކުރު އަދާކުރަނީ. އެއީ ރައީސް ނަޝީދަށް ޖާގަ ނުދިނީ އަޅުގަނޑު. ޤާސިމް އިބުރާހިމްއަށް ޖާގަ ނުދިނީ އަޅުގަނޑު. އެކަމަށްޓަކައި އެދެބޭފުޅުންނަށް ޓިކެޓް ލިބިގެން އެއުޅެނީ އެހެން ވެގެން. އެހެންވެގެން އެބޭފުޅުން އަޅުގަނޑަށް ޝުކުރިއްޔާއޭ ވިދާޅުވަނީ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ގެއްލިފައި ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމުގެ ސަބަބުންނެވެ. އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ރައީސް ނަޝީދުގެ މައްޗަށް އުފުލުނު ދައުވާ ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެން ޓެރަރިޒަމްގެ ދައުވާއަށް ބަދަލުކޮށްގެންނެވެ.

ޤާސިމް އިބުރާހިމްއަށް އިންތިޚާބުގައި ވާދަކުރުމަށް ފުރުޞަތު ގެއްލުނީ ޤާނޫނު އަސާސީއަށް ރައީސް ޔާމީނުގެ ސަރުކާރުން ގެނައި އިސްލާހުގެ ސަބަބުންނާއި ޤާސިމް އިބުރާހިމްގެ މައްޗަށް ޣައިރު ހާޟިރުގައި ކޮށްފައިވާ ޙުކުމުގެ ސަބަބުންނެވެ. ޕީޕީއެމްގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން ޤާނޫނު އަސާސީއަށް އިސްލާހު ގެނެސް އުމުރުން 65 އަހަރު ފުރިފައިވާ މީހުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭގޮތް ހެދުމުންނެވެ.

ނަޝީދު އާއި ގާސިމްއަށް އިންތިޚާބުގައި ވާދަނުކުރެއްވޭ ގޮތް ހެއްދެވުމަށް ރައީސް ޔާމީން ދުރާލާ ރާވައިގެން މިއީ ކުރައްވާފައިވާ މަސައްކަތްތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދިޔައީ މާކުރިއްސުރެވެސް ސިފަކުރައްވަމުންނެވެ.

އިންތީޚާބުތަކުގައި ވާދަކުރުމާއި ބައިވެރިވުމަކީ އެކަމަށް ދިވެހިކޮންމެ ރައްޔިތަކަށްވެސް ފުރިހަމައަށް ހައްޤުލިބިގެންވާ ކަމަކަށް ވާއިރު، މަޤާމާއި ބާރާއި ނުފޫޒު ބޭނުންކޮށްގެން އެކަމަށް ހުރަސްއަޅައި ހުއްޓުވުމަކީ ޤާނޫނީ ކުށެއް ކަމަށާއި ރައީސް ޔާމީން އެވަނީ ރައީސް ނަޝީދާއި ޤާސިމް އިބުރާހިމްގެ އިންތިޚާބީ ހައްޤަށް އަރައިގަނެ އެކަމަށް އިއުތިރާފްވެވަޑައިގެންފައިވެސް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ވަނީ ބުނެފައެވެ.