މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ވަގު ފޯމުތައް ހުށަހަޅާފައި ވަނީ ތިން ފަރާތަކުން ކަމަށާއި އެތިން ފަރާތް ވެސް ނިސްބަތް ވަނީ އެއް ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
މިއަދު އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ވަގު ފޯމުތައް ތިން މީހެއްގެ ނަމުގައި ކޮމިޝަނަށް ހުށަހަޅާފައިވާއިރު އެތިން މީހުންނަށް ދައުވާކުރުމަށް ކޮމިޝަނުން ނިންމާފައި ވާކަމަށެވެ.
އަކްރަމް ވިދާޅުވީ އޮބްޒާވަރުންގެ ފޯމުތައް ހުށަހެޅި ހުށަހެޅުމުގައި އައިޑީ ކާޑުތަކުގައި ހުރި މައުލުމާތުތައް އެޑިޓްކޮށްގެން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ކަމަށާއި، އައިޑީ ކާޑު ފޯޖުކޮށް ހުށަހަޅާފައި ވަނީ 11 މީހެއްގެ ފޯމު ކަމަށެވެ. އަދި އެ ފޯމުތައް ހުށަހެޅި ފަރާތްތަކާ މެދު ވެސް ދައުވާ ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
މީގެ އިތުރުން ދައުވާ ކުރުން މަޑުޖައްސާލާފައި ވަނީ ރީ-ރަޖިސްޓްރޭޝަނަށް ފަހު ވޯޓާސް ލިސްޓުގެ ކަންކަން ނިމެންދެން ކަމަށާއި، އޮބްޒާވަރުންގެ ފޯމުތައް ޕްރޮސެސް ކުރުމަށް ފަހުގައި އެކަން ބެލިގެންދާނެ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުޤީޤު ކުރުމަށް ފުލުހުންނާ ހަވާލު ކުރެވޭނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.
އެހެންނަމަވެސް، ވަގު ފޯމުތައް ހުށަހަޅާފައި ވަނީ ކޮން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ފަރާތްތަކެއް ކަމެއް އިލެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި 2624 މީހުން ހަރަކާތްތެރިވާއިރު، މޮނިޓަރުންގެ ގޮތުގައި 3506 މީހުން ހަރަކާތްތެރިވާނެއެވެ.