މި އަހަރުގެ ރިޔާސީ އިންތިޚާބު ފަސޭހަކަމާ އެކު ކާމިޔާބުކުރެވިދާނެ ކަމަށް ހީކޮށް، "އަތް އުރާލައިގެން" ތިބެއްޖެ ނަމަ 2008 ވަނަ އަހަރު ފެނުނު ފަދަ "އަވާމެންދުރެއް" ފެނިދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމެންދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތީ ފަސޭހަ އިންތިޚާބެއް ނޫން ކަމަށެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެ ފަހަރު ވެސް ތިބީ ރައީސް މައުމޫން ހޮވިވަޑައިގަންނަވާނެ ކަމަށް ހީކޮށްގެން ވަރަށް ހަމަޖެހިލައިގެން ކަމަށާއި، އެކަމަކު ފެނިގެންދިޔައީ "އަވާމެންދުރެއް" ކަމަށެވެ. އަދި އެފަދަ ކަމަކަށް މި ފަހަރު ފުރުސަތު ނުދެއްވުމަށް ވެސް ރައީސް ޔާމީން ގޮވާލެއްވި އެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބާއި ދިމާކޮށް އިދިކޮޅު ފަރާތްތަކުން ދޭ "ހަދިޔާ" ތަކުގައި ނުހިފުމަށާއި، އެ ހަދިޔާތަކުގައި ހިފީމަ ރާއްޖޭގެ ދީނާއި މިނިވަންކަމާއި ޤައުމިއްޔަތާއި އަމާންކަން "ގާދޫކޮލުން ނުކުމެގެން" ހިނގައިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބުގެ ވޯޓަކީ ސިޔާސީ ވޯޓެއް ނޫން ކަމަށާއި، އެއީ ވަކި ޕާޓީގެ ފިކުރަކަށް ދޭ ވޯޓެއް ނޫން ކަމަށާއި އެއީ ޤައުމީ ވޯޓެއް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރާއްޖޭގައި ތަންފީޒު ކުރަމުން ދަނީ ރާއްޖޭގެ ޤާނޫނުތައް ކަމަށާއި، އިންސާފުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.
އަދި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފަދަ ބޭރުގެ ފަރާތްތަކަށް ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ފަދަ ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅު ހުރިހާ ލީޑަރުން ޖަލަށް ލާފައިވާތީ ރައީސް ޔާމީނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދުދެއްވައި އެމަނިކުފާނު ވިދާޅުވީ މީހަކު ކުށްވެރިވަނީ އެ މީހަކަށް ކޯޓުގައި މައުސޫމްކަން ސާބިތުކޮށް ނުދެވުމުން ކަމަށާއި، ކޯޓުގައި މައުސޫމްކަން ބަޔާން ނުކޮށްދެވިއްޖަ ނަމަ އޭގައި ރައީސް ކުރާނެ ކަމެއް ނެތް ކަމަށެވެ.