ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ލާ މަރުކަޒުތަކުގެ މަސައްކަތްތަކަށް ނަގާފައިވާ އޮފިޝަލުންގެ ތެރޭގައި ފޯމް ހުށަނާޅާ ފަރާތެއް ކަނޑައަޅާފައި ނުވާނެ ކަމަށާއި އޮފިޝަލުންނާ ގުޅޭ ގޮތުން ރަސްމީ ސިފައެއްގައި އެއްވެސް ޝަކުވާއެއް އަދި މިހާތަނަށް ލިބިފައނުވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ފޯމް ހުށަނާޅާ ފަރާތެއް އޮފިޝަލެއްގެ ގޮތުގައި ނަގާފައި ނުވާނެ ކަމަށާއި، އެކަމުގެ ޔަޤީންކަން ދޭ ކަމަށެވެ. ނަމަވެސް އެކަމާމެދު ޝައްކު ކުރާ ފަރާތެއް ހުރިނަމަ، ފޯމް ހުށަނާޅާ ނަގާފައި ހުރި އޮފިޝަލެއްގެ ނަމާއި އައިޑީކާޑް ނަންބަރު ކޮމިޝަނަށް ފޮނުވައި ދިނުމަށް އެދޭ ކަމަށާއި އޭރުން އެ މީހެއްގެ ފޯމް އޮތްތޯ ބެލުމަށްފަހު ފޯމްވެސް ދައްކަން ތައްޔާރަށް ތިބި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ބައެއް އޮފިޝަލުންނަކީ ކޮމްޕިއުޓަރު ފަދަ ތަކެއްޗަށް އަހުލުވެރިވެފައިނުވާ ފަރާތްތައް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ޝަރީފު ވިދާޅުވީ، އިންޓަރވިއު ކުރެވުނު އިރު ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ވެރިންނާއި ވެރިންގެ އެހީތެރިންނަކީ ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ ފަރާތްތަކެއްތޯ ޗެކް ކުރެވިފައިވާނެ ކަމަށެވެ.
މީގެ އިތުރުން ސިޔާސީ ހަރަކާތްތަކުގައި އޮފިޝަލުން ހަރަކާތްތެރިވާ ކަމަށް ސޯޝަލް މީޑީއާގައި ފޮޓޯއާ އެކު ދައުރުވަމުން ދިޔަ ނަމަވެސް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ އޮފިޝަލުންގެ ގޮތުގައި ކަނޑައެޅުމަށް ފަހު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކެއްކަން ސާބިތުވެއްޖެ ކަމުގައި ވަނީ ނަމަ އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
އަދި މިހާތަނަށް އޮފިޝަލުންގެ ތެރޭގައި ނަގާފައިވާ އެއްވެސް ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ނުހިމެނޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މި މަހުގެ 23 ވާ އާދިއްތަ ދުވަހު ރިޔާސީ އިންތިޚާބު ބާއްވާއިރު، އައްޑޫ ސިޓީ ނޫން އެހެން ހުރިހާ ހިސާބެއްގައި އިންތިޚާބުގެ އޮފިޝަލުން ޓްރެއިން ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފަ އެވެ.
އައްޑޫ ސިޓީގައި އޮފިޝަލުންނަށް ޓްރެއިނިން ތައް ކުރިއަށްގެންދާނީ މި މަހުގެ 12 އިން 14 އަށެވެ.