އިއްތިހާދުން ބާއްވާ ބޮޑު ޖަލްސާއަށް ކާނިވާ ސަރަހައްދު ފުރި ބާރުވެއްޖެއެވެ.
ގިނަ އަދަދެއްގެ މީހުން ވަނީ ކާނިވާ ސަރަހައްދަށް ޖަމާވެފައެވެ. މުޅި ސަރަހައްދު ފުރި އިމާރާތްތަކުގެ ބެލްކަނިތަކަށް ވެސް މީހުން ވަނީ ނިކުމެފައެވެ.
އެ ސަރަހައްދުގައިވާ ވެހިކަލްތައް މަތީގައި ވެސް މީހުން ތިބިކަން ފާހަގަ ކުރެވެއެވެ. ގޮނޑިތައް ފުރި އިތުރު ގޮނޑި ޖެހި މަންޒަރު ވެސް ވަނީ އެ ސަރަހައްދުން ފެނިފައެވެ. ގިނަ އަދަދެއްގެ މީހުން ކޮޅަށް ތިބެގެން މި ޖަލްސާގައި ބައިވެރިވަމުން އެބަގެންދަވައެވެ.

ޖަލްސާ ފެށުމަށްޓަކާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް އަދި އެ މަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމްވަނީ ޖަލްސާއަށް ވަޑައިގެންފައެވެ. އިދިކޮޅު އިއްތިހާދަށް ނިސްބަތްވާ ގިނަ އިސްވެރިންނާއި އާންމު މެމްބަރުން ވަނީ ޖަލްސާއަށް ވަޑައިގެންފައެވެ.
ގިނަ އަދަދެއްގެ ސިވިލް ސާވިސްގެ މުވައްޒަފުން ވެސް ބިރު ފަހަނައަޅާ މި ޖަލްސާގައި ބައިވެރިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
މި ޖަލްސާއަށް ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ ބޭފުޅުންވެސް ވަނީ ވަޑައިގެންފައެވެ. އެ ގޮތުން އައްބާސް އިބްރާހީމް، އުމަރު ޒާހިރު އަދި އަނީސާ ހިމެނިވަޑައިގަންނަވައެވެ.