Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ކުރީގެ ވަޒީރުން ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވަޒީރުކަން ކުރައްވާފައިވާ އަދި ދައުލަަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބައެއް ވަޒީރުން ގުޅިފައިވާ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވެވަޑައިގެންފިއެވެ.

ކުރީގެ ވަޒީރުން ކަމަށްވާ ޢައްބާސް އިބްރާހިމާއި، އުމަރު ޒާހިރާއި، އަބްދުﷲ ކަމާލުއްދީންގެ އިތުރުން އަނީސާ އިބްރާހިމް ވަނީ ރައީސް މައުމޫން ފެއްޓެވި އިސްލާހީ ހަރަކާތުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެވަޑައިގެންފައެެވެ.

ރައީސް މައުމޫންގެ ސަރުކާރުގެ އިސް ވަރަށް ގިނަ ބޭފުޅުން މިހާރު ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) އަށް ބައިޢަތު ހިއްޕަވާފައެވެ. ޚާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރުން ރައީސް މައުމޫން ހައްޔަރުކޮށް، ޖަލުގައި ބަންދުކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ދިފާޢުގައި ނިކުންނަވާފައެވެ.

މި އިއްޒަތްތެރިން ވަޑައިގެންނެވުމުން ޖަލްސާއަށް ވަޑައިގެންފައި ތިއްބެވި އިސްވެރިންނާއި އާންމު މެމްބަރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް މި ބޭފުޅުންނަށް ވިދާޅުވެފައެވެ.

މިޖަލްސާގައި ޢައްބާސް އިބްރާހިމް ވަނީ ވާހަކަ ވެސް ދައްކަވާފައެވެ.