Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

"އެހުމެއް ކެހުމެއް ނެތި ރައްޔިތުންގެ ބޮލުގައި ދަރަންޏެއް ނާޅުވާނަން"

ރައްޔިތުންގެ ކިބައިން އެހުމެއް ކެހުމެއް ނެތި، ތަރައްގީގެ ނަމުގައި ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާނެ ބޭފުޅަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ މާލޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ ތަރައްގީގެ ނަމުގައި ރައީސް ޔާމީން ވަނީ ރައްޔިތުން ދަރަނި ކުރުވާފައި ކަމަށް ވިދާޅުވެފައެވެ.

ސަތޭކަ މިލިއަން ޑޮލަރުން އެޅޭނެ ބުރިޖެއް ތިން ސަތޭކަ މިލިއަން ޑޮލަރަށް އަޅާފައި ތަރައްގީ ކަމަށް ވިދާޅުވިޔަސް، ހަސަތޭކަ މިލިއަން ޑޮލަރުން އެޅޭ އެއާޕޯޓެއް 1020 މިލިއަން ޑޮލަރު ހޭދަކޮށް ތަރައްގީ ކުރުމަކީ ތަރައްގީ ކަމަށް ވިދާޅުވެވެން ނެތް ކަމަށް އިބޫ މިޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

އަދި 75 ބުރީގެ އިމާރާތެއް އަޅައި، 25 ބުރި ހުސްކޮށް ހޮހޮޅައެއްގެ ގޮތުގައި ބާއްވާފައި ބޭރުގައި ބިއްލޫރި ޖަހައި ދަޅަ ދެއްކުމަކީވެސް ތަރައްގީއެއް ނޫން ކަމަށް އިބޫ ވިދާޅުވެފައިވެއެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކުވެސް ރައްޔިތުންގެ ފައިސާއިން ލޯލާރިއެއްގައި ވެސް ޖެހޭނެ ބޭފުޅެއް ނޫން ކަމަށެވެ.

މިރާއްޖެއަށް މިއަދު ޖެހިފައިވާ ކޮރަޕްޝަނުގެ އިންތިހާ ވަބާ އިން ސަލާމަތް ކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށާއި އެބޭފުޅާގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކަމަކަށް ވެސް ކުރާނެ ކަމަކީ މިނިވަން މުއައްސަސާތައް ގާނޫނީ އިމަށް ރުޖޫއަ ކުރުން ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް ރައްޔިތުންނަށް ވައުދު ވަމުން ވިދާޅުވެފައިވެއެވެ.