23 ސެޕްޓެމްބަރުގައި މުޅި ދިވެހިރާއްޖޭގެ ނޫކަށިފުރައިގެ ޒުވާނުން ނިކުމެ މި ވެރިކަން ބަދަލުކުރާނެ ކަމަށް އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.
ރޭ ކާނިވާ ސަރަހައްދުގައި ކުރިޔަށް ގެންދިޔަ ގުޅިފައިވާ އިއްތިހާދުގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ކަންބޮޑުވާން ޖެހޭ ގިނަ ކަންތަކެއް ހުރިކަން މީކާއީލް ވަނީ ފާހަގަ ކުރައްވާފައެވެ.
އެތައް ޒުވާނުންނެއް ވަނީ ގަތުލުކޮށް ގެއްލުވާލާފައި ކަމަށާއި އިންސާފެއް ނުލިބުނު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެ ގޮތުން މަރާލެވުނު ޔާމީން ރަޝީދު އަދި ގެއްލިގެން ހޯދަމުން އަންނަ ރިޟްވާންގެ ނަން މީކާއީލް ވަނީ ފާހަގަ ކުރައްވާފައެވެ. އެ ދެ ފަރާތުގެ މަންމައިން އިންސާފަށް އެދި ސަރުކާރުގައި ސަލާން ނުޖަހާ އެންމެ ފަރާތެއްވެސް ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އެ ދެ މަންމައިންގެ ރުއިން ފެންނަ އެއްވެސް ފަރާތެއް ސަރުކާރުގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އިންސާފު ހޯދުމަށް އޮތް ފުރުސަތަކީ ޖަޒީރާ ރާއްޖެ ކަމަށް މީކާއީލް ވަނީ ފާހަގަ ކުރައްވާފައެވެ. އެހެން ކަމުން 23 ސެޕްޓެމްބަރުގައި ނިކުމެ މި ވެރިކަން ބަދަލު ކުރައްވާނެ ކަމަށް ވެސް މީކާއީލް ވަނީ ވިދާޅުވެފައެވެ.