ގުޅިފައިވާ އިއްތިހާދުގެ ވެރިކަމެއްގައި ދިވެހި ކޮންމެ ރައްޔިތަކަށް ފަށާ ތައުލީމުން ފެށިގެން ފުރަތަމަ ޑިގުރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށްދެވޭނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކާނިވާ ސަރަހައްދުގައި އިއްތިހާދުން ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ޖަޒީރާ ރާއްޖެއެއްގައި ޒުވާނުންނަކީ ހަމައެކަނި ފުޓްސަލް ކުޅޭނެ ބަޔެއް ނޫން ކަމަށާއި ރަށް ރަށުގެ ޒުވާނުންނަކީ ވަސީލަތްތައް ތަނަވަސް ވެފައިވާ ބަޔަކަށް ހަދާ ދޭނެ ކަމަށް އިބޫ ވަނީ ވައުދުވެފައެވެ.
މީގެ އިތުރުން ޖަޒީރާ ރާއްޖެ ސިޔާސަތަކީ، ހުރިހާ ރައްޔިތުން މާލެއަށް ޖަމާ ކުރުން ނޫން ކަމަށާއި ރަށްތަކުގެ ރައްޔިތުން ބާރުކުރުވައި، ބޯހިޔާވަހިކަން ގާއިމްކޮށްދީ، ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކޮށް، ލާމަރުކަޒީ ނިޒާމުން އަނެއްކާވެސް މިރާއްޖެ ގުޅާލާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
އަދި އިއްތިހާދުން ވެރިކަމަށް އައިސްފިނަމަ އަންހެނުން ރައްކާތެރި ކޮށްދިނުމާއި ގެވެށި އަނިޔާއިން ކަނބަލުން ހިމާޔަތް ކޮށްދޭނެ ކަމަށް ވިދާޅުވެ ދޫކޮށްނުލާނެ ކަމަށާއި އެކަން ހާސިލުކުރުމަށް ސިޔާސަތުތައް ގާއިމުކުރެވި ބަޖެޓުގައި އެކަން ހިމަނައި އަމަލީ ގޮތުން ސިޔާސަތުތައް އެކުލަވާލާނެ ކަމަށް އިބޫ ވައުދުވެފައިވެއެވެ.