Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

މިއީ ގައުމު އަމާންކުރުމަށް ލިބޭނެ ފަހު ފުރުސަތު، ބޭނުން ހިއްޕަވާ: އިބޫ

ސެޕްޓެމްބަރު 23 ވަނަ ދުވަހަކީ މިގައުމު އަމާން އައްސޭރިއަކަށް ގެނައުމަށް ރައްޔިތުންނަށް ލިބޭނެ އެންމެ ފަހު ފުރުސަތު ކަމަށާއި އެފުރުސަތުގެ ބޭނުން، އެންމެ ރައްޔިތުންވެސް ހެޔޮ ގޮތުގައި ހިއްޕެވުމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި އިދިކޮޅުން ތިން އަހަރު ތެރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ އަޅުގަނޑުމެންގެ ދަރިންނާއި، ދަރިންގެ ދަރިންނަށް ވެސް ހެޔޮ ރާއްޖެއެއް ބިނާ ކުރުމަށް އިއްތިހާދުގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިސަރުކާރުން މި ފަސް އަހަރު ތެރޭގައި އެތައް ބަޔަކަށް ބޭއިންސާފާއި އަނިޔާވެރިކަން ޖައްސާފައިވާ ކަމަށާއި އިންސާފު ގާއިމުކުރުމަށް ދެން އެމަނިކުފާނަށް ފުރުސަތެއް ދެވެން ނެތް ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި ބޭރުގެ ދުނިޔެއާއި ކެނޑިފައިވާ ގުޅުން، އަލުން އިއާދަ ކުރުމަށް އިއްތިހާދުގެ ކެންޑިޑޭޓަށް ވޯޓު ދެއްވުމަށާއި ގައުމު އިސްލާހު ކުރުމަށް ލިބޭ ފުރުސަތުގައި އިބޫ ސޯލިހަށް ވޯޓު ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.