މިސަރުކާރުން ދިވެހި ކޮންމެ ރައްޔިތަކު ބޭއިންސާފާއި އަނިޔާވެރިކަމާއި ބިރުގެ ތެރެއަށް މިފަސް އަހަރު ތެރޭގައި ގަންބަވާލާފައިވާ ކަމަށާއި ބޭރަށް ނިކުންނަން ދިވެހި ރައްޔިތުން ބިރުވެތިވެއްޖެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު އިއްތިހާދުން "އިންސާފުގެ މަގަށް" ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވެފައިވަނީ އަނިޔާވެރިކަމާއި ބޭއިންސާފަށް ބޯލަނގައި ދީލާލުމަށް ތައްޔާރު ނޫން ކަމަށެވެ. ދިވެހި ގައުމު ސަލާމަތްކޮށް އިންސާފުގެ މަގަށް ރުޖޫއަ ވުމަށް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް 23 ސެޕްޓެމްބަރުގައި ފުރުސަތު ލިބިފައިވާ ކަމަށާއި ގައުމު ހަރާބުން ސަލާމަތް ކޮށްދެއްވުމަށް އިބޫ ސޯލިހަށް ވޯޓު ދެއްވުމަށް އީވާ އެދިވަޑައިގެންނެވިއެވެ.
އީވާ އިތުރަށް މިޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރައްޔިތުންގެ ކުރިމަތީގައި ވަނީ އެންމެ ދެ ކެންޑިޑޭޓުން ކަމަށެވެ. އެއް ކެންޑިޑޭޓަކީ ދިވެހި ރާއްޖޭގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު ކޮރަޕްޝަނުގައި ހިމެނޭ ބޭފުޅެއް ކަމަށާއި ދެވަނަ ކެންޑިޑޭޓަކީ 25 އަހަރު ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ އަދި ދުވަހަކުވެސް ކިލަނބުކަމެއް ނުވަތަ އޭގެ ތުހުމަތެއް ވެސް ކުރެވިފައިނުވާ ބޭފުޅެއް ކަމަށާއި ރައްޔިތުން ދެބޭފުޅުންގެ ފަރާތުން އެއް ބޭފުޅަކު ހޮއްވެވުމަށް އީވާ ގޮވާލިއެވެ.