މިރޭގެ ޖަލްސާއަށް ވަޑައިގެނެވުމުން 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ނަތީޖާ ފެނިއްޖެ ކަމަށް ގުޅިފައިވާ އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު އިއްތިހާދުން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވަމުންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ދެން އޮތީ 23 ވަނަ ދުވަސް ވަންދެން މަޑު ކުރުން ކަމަށާއި، ހުރިހާ ރައްޔިތުން ވެސް ދެ ނަމްބަރު ކެންޑިޑޭޓް، އިބޫ ސޯލިހަށް ވޯޓު އަޅުއްވަން ތައްޔާރުވުމަށެވެ.
މިއަދު މި ދިވެހި ގައުމު އެދި ގޮވަނީ، ހއ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް މުޅި ގައުމު އެދި ގޮވަނީ ހިކުމަތްތެރި، އިޚުލާސްތެރި ވެރިއެއް ކަމަށާއި އެ ބޭފުޅަކީ އިބޫ ސޯލިހް ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ އެމަނިކުފާނާއި އިބޫ ސޯލިހަކީ ބެޔަސް ނުބެޔަސް 10،000، ކޮންމެ އަލަތު ކައިވެންޏަކަށް ފްލެޓެއް ވައުދުވާނެ ބޭފުޅުން ނޫން ކަމަށެވެ. އެބޭފުޅުން ވައުދުވަނީ އިޖުތިމާއީ ރައްކާތެރިކަމާއި، ފަރުދީ ފުދުންތެރިކަން ކަަމަށް ފައިސަލް ވިދާޅުވިއެވެ.
ކެމްޕޭނު ދަތުރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް، 185 އެތައް ރަށަކަށް ކުރި ޒިޔާރަތުގައި މިރާއްޖޭގެ ބައެއް އާއިލާތައް ދިރިއުޅުން ތަހައްމަލް ކުރާ ގޮތް ފެނި ލޮލުން ކަރުނަ އާދޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބި އާއިލާތައް ތަހައްމަލް ކުރާ ދަތިތަކުން ސަލާމަތް ކޮށްދެއްވުމަށް ފައިސަލް ވަނީ ވައުވެފައެވެ.
އިއްތިހާދުގެ ސަރުކާރެއް ފެށޭތާ ތިން މަސް ދުވަސް ތެރޭގައި ގައުމު އަމާންކޮށްދެއްވުމަށް ފައިސަލް މިރޭގެ ޖަލްސާގައި ރައްޔިތުންނަށް ވައުދުވެފައިވާއިރު ފައިސަލް ވިދާޅުވީ ހެޔޮ ނިޔަތުގައި ކުރާ ކަމެއް ކާމިޔާބުނުކުރެވި ނުދާނެ ކަމަށާއި އެބޭފުޅުން ފުލުހުންގެ އިދާރާ ހަރުދަނާ ކުރާނެ ކަމަށެވެ.