ރާއްޖޭގެ ރައްޔިތުންނަށް ބްރިޖް އޯކޭ ކަމަށާއި، އޯކޭ ނުވަނީ ވައްކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިހާދުން "އިންސާފުގެ މަގަށް" މިނަމުގައި، މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ޚާއްސަ ބޮޑު ޖަލްސާގައި ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރައްޔިތުންނަށް އޯކޭ ނޫން ނުވަތަ ކަމުނުދާ ގިނަ ކަންތަކެއް ފާހަގަ ކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ރައްޔިތުންނަށް އޯކޭ ނުވަނީ އދގެ ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ދިވެހި ދައުލަތުގެ ވަސީލަތްތަކާއި މުއްސަނދިކަން ބޭނުންކޮށްގެން ހިންގާ ނާޖާއިޒް ތެލުގެ ވައްކަމާއި، ގިނަ އަދަދުގެ ކަޅުފައިސާ ދިވެހިރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ދައުރުކުރުވައި ހިންގަވާ ޖަރީމާތައް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދިވެހިންނަށް ކަމުނުދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހިންގާ ކޮރަޕްޝަނާއި، ވައްކަން ކަމަށާއި، ދިވެހިންނަށް ކަމުނުދަނީ ޒަކާތުގެ ފައިސާއިން އަދި ރޯދަޔަށްލިބޭ ކަދުރުކޮޅުވެސް ނަންގަވާ ނާޖާއިޒް ފައިދާތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދިވެހިންނަށް ރައީސް ޔާމީން ކަމުނުގޮސް، އެމަނިކުފާނާ ފެއަށްޖެހެނީ ރައީސް ޔާމީންގެ އަނިޔާވެރިކަމުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެހުންނަވަނީ ވެރިކަމުގެ ލައްޒަތާއި، ވެރިކަމުގެ އަރާމަށްޓަކައި އެ މަނިކުފާނުގެ އަމިއްލަ ބޭބެ ހިފާ ހައްޔަރުކޮށްގެން ކަމަށެވެ. އެ މަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ ދަރިން ހިފާހައްޔަރުކޮށްގެން ކަމަށެވެ. އަދި ރައީސް ޔާމީންގެ ނާއިބް ރައީސުންނާއި އެ މަނިކުފާނުގެ ވަޒީރުން، ފުލުހުންގެ ވެރިން، ސިފައިންގެ ވެރިން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ވާދަވެރި ރިޔާސީ ޕާޓީތަކުގެ ހުރިހާ ވެރިން ހިފާ ހައްޔަރުކުރައްވައިގެން ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަކަށް އެކަމެއް ބަލައެއް ނުގަނެވޭނެ ކަމަށާއި ބޮޑުތަނުން ޔާމީން ބަލިވާނީ އެ މަނިކުފާނުގެ އަނިޔާވެރިކަމުގެ ސަބަބުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި ހަމަ އެހެންމެ ޔާމީންގެ ނާޖާއިޒް ފައިދާ ނެންގެވުމުގެ، ކޮރަޕްޓް ސަރުކާރު ހިންގުމުގެ ސަބަބުން ކަމަށް ވެސް ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
ދިވެހިރާއްޖެ ބާކީވެދާކަށް ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާކަމަށާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކުން ދިވެހިރާއްޖެ ވަކިވާކަށް ރައްޔިތުން ބޭނުންނުވާ ކަމަށާއި، ދިވެހިރާއްޖެ މިއޮތީ ލާމެހިފައިވާ ދުނިޔެއެއްގައިކަން ދިވެހިންނަށް އެނގޭ ކަމަށާއި، ދިވެހިންގެ ކުރިއެރުންއޮތީ ދުނިޔޭގެ އާއިލާތަކާ އެކީގައި މަސައްކަތް ކުރީމާކަމަށް ނަޝީދު ވިދާޅުވިއެވެ.
"މަނިކުފާނުގެ ސަރުކާރުގައި ރާއްޖެ ކޮމަންވެލްތުން ވަކިކޮށްފި. މަނިކުފާނުގެ ސަރުކާރުގައި އީރާނާ ގުޅުން ކަނޑާލައިފި. މަނިކުފާނުގެ ސަރުކާރުގައި ގަތަރާއި ދިވެހިރާއްޖެއާ ބައިނަލްއަގްވާމީ ގުޅުން ކަނޑާލައިފި. މަނިކުފާނަކީ ސާދާސާފު ހުދުމުހުތާރު ޑިކްޓޭޓަރެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފާހަގަވެއްޖެ. މިއަދު، ރައީސް ޔާމީން، މަނިކުފާނު ތިހުންނެވަނީ ނިކަމެތިވެފައި އެކަނިވެފައި ބަލިވެފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ކާނިވާ ސަރަހައްދު ފުރާލާފައެވެ.