ދިވެހީން އުންމީދުކުރީ ބާރުތައް ވަކިކުރެފައިއޮތް ސިޔާސީ ނިޒާމެއް ހޯދުމަށް ކަމަށާއި، ވާދަވެރި ސިޔާސީ ނިޒާމެއް ދިވެހިން ހޯދީ، ނުވަތަ ލިބިގަތީ އަނިޔާވެރި ނިޒާމެއް ހޯދާކަށެއްނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެ ގުޅިފައިވާ އިއްތިހާދުން "އިންސާފުގެ މަގަށް" މިނަމުގައި، މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ޚާއްސަ ބޮޑު ޖަލްސާގައި ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީނަށް އިޝާރާތް ކުރައްވާ އެ ވީޑިއޯ ލިންކުގައި ނަޝީދު ވަނީ ވަރަށް ގިނަ ވާހަކަފުޅު ދައްކަވާފައެވެ.
"މަނިކުފާނު ތިހުންނަވަނީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނުނަންގަވައިގެން އެތަނަށް އެރިވަޑައިގެން އެތަނުގެ ފަނޑިޔާރުން ހައްޔަރު ކުރައްވައިގެން. މަނިކުފާނު ތިހުންނަވަނީ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދަވައިގެން އެތަން ހިސާރުކުރައްވައިގެން. މުސްތަގިއްލު މުއައްސަސާތައް މުސްތަގިއްލެއްނޫން. ދިވެހިރާއްޖޭގެ ވެރިކަން މަނިކުފާނު ތިހުންނަވަނީ ގަޑުބަޑުކުރައްވައިގެން، ބަޣާވާތް ކުރައްވައިގެން" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންނަމަވެސް، ގުޅިފައިވާ ޕާޓީތަކުން އިރާދަކުރެއްވިއްޔާ ދިވެހިންނަށް ހައްގު މިންވަރު ދިވެހިންނަށް އަނެއްކާވެސް ހޯދައިދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެ ރައްޔިތުންގެ އުއްމީދުތައް އާ ކޮށްދެއްވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ކުރެވިގެންދާނެ މުހިއްމު ކަންތަކަށް ނަޝީދު ވަނީ މި ޖަލްސާގައި އަލިއަޅުއްވާލައްވާފައެވެ.
ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގައި އެކަނިވެރި މައިންނަށް، ޔަތީމު ކުދީންނަށް ދޮށީއުމުރުގެ މީހުންނަށް، މަސްވެރިންނަށް، ދެވޭ ޕެންޝަން، ދެވޭ ރައްކާތެރިކަން ހިމާޔަތްކޮށް ދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ވިހޭއްސުރެ ކަށްވަޅާ ޖެހެންދެން ބެލެހެއްޓިގެންދާ، ދައުލަތުން ބެލެހެއްޓޭ ބައެއްގެގޮތުގައި ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުތަކުގައި ހަމަޖައްސައިދޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުރު ކުރުމުން ގުޅާލެވި، ރާއްޖޭގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ މާތަނަވަސް ދިރިއުޅުމެއް އެ ބޭފުޅުން ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމެއްކަމުން، ދިވެހިރާއްޖޭގެ ތަރައްގީ ދިވެހިންނަށް ހޯދޭނީ ދިވެހިރާއްޖެއަކީ ކޮބައިކަން އެނގިތިބެ ކަމަށާއި މިރާއްޖޭގެ ތަބީއަތުގެ ގޮތުގައި މިރާއްޖޭގެ ކަންކަން ކުރިއަށް ގެންދެވުނީމަ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ގުޅިފައިވާ ޕާޓީތަކުން ރާއްޖޭގެ ރައްޔިތުންނަށް ހުށައަޅަނީ ތަރައްގީގެ މުޅިން އެހެން ތަސައްވުރަކާއި، މުޅިން އެހެން ސިޔާސަތުތަކެއް ކަމަށާއި، އެއީ، ރައީސް ޔާމީނުގެ ފެއިލްވެފައިވާ ތަރައްގީގެ ސިޔާސަތުތައް ދުރުކޮށް، ދިވެހިންގެ އާއިލާތަކަށް، ދިވެހިންގެ ޖީބުތަކަށް، އަމިއްލަ ފަރުދަށް ލިބޭ ފައިސާ އިތުރުވެގެންދާނެ ސިޔާސަތުތަކެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.