މިހާވަރަށް ރައްޔިތުން އިނދަޖެހުނު ދުވަސްތަކެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ރައްޔިތުން ނިކަމެތިވީ ދުވަހެއްވެސް ދެކިވަޑައިނުގަންނަވާ ކަމަށް އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ޗެއާޕާސަން ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން މާލޭގައި ބޭއްވި ބިޔަ ޖަލްސާގައި ޝިދާތާ ވިދާޅުވީ، ރައީސް ޔާމީން ރައްޔިތުންނަށް ބިރު ދެއްކުމަށް ކުރި ހުރިހާ ކަމެއް ފެއިލް ވެފައިވާ ކަމަށެވެ. ވޯޓު ލުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ލިބިގެންދިޔައީ ރައްޔިތުންގެ މަސައްކަތުން ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
ސަރުކާރުން ކަންތައް ކުރައްވާ ގޮތްތަކަށް ބައްލަވާލައްވާ މިވަރަށް ދިވެހި ރާއްޖޭގެ ބާރުތައް ގާނޫނު އަސާސީން ވަކިކޮށް އަދި ރައްޔިތުންގެ އަސާސީ ހައްގުތައް ފޭރިގެންފައިވާތަން ދިވެހި ތާރީހުން ނުފެންނަކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދުލު އިންސާފު ގާއިމް ކުރުމަށް ހުރި ފަނޑިޔާރުގެތައް މިވަރަށް ފުޑުފުޑުކޮށްލި ސަރުކާރެއް ވެސް ދިވެހި ތާރީހުގައި އައިކަމަކަށް އެ ކަމަނާއަށް ގަބޫލު ނުކުރެއްވޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
އިތުރަށް ޝިދާތާ ވިދާޅުވީ ދިވެހި ގާނޫނު އަސާސީ ފޫއަޅުވާލާފައިވަނީ މި ސަރުކާރުން ކަމަށާއި މާލިއްޔަތު އިނދަ ޖައްސާލި ސަރުކާރެއްވެސް ނެތް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ފާޅުގައި އަނިޔާވެރިވި ސަރުކާރެއްވެސް ނޯންނާނެ ކަމަށެވެ.
އިންސާފުގެ މަގަށް ގައުމު ދަތުރު ކުރާނެ ދުވަހަކީ 23 ސެޕްޓެމްބަރު ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް މަދުވެގެން 170000 މީހުން ވޯޓުލާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އަދި އެ ދުވަހަކީ މި ސަރުކާރުގެ އަނިޔާވެރިކަމުގައި ސިއްކަ ޖަހާ ދުވަސް ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.