ރޭ އިދިކޮޅު އިއްތިހާދުން މާލޭގެ ކާނިވަލް ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވާނެ ޒުވާނަކު ނުލިބުމުން ރަށް ރަށުން މީހުން ގެނެސްގެން ޖަލްސާ ބާއްވާފައިވާ ކަމަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އިއްޔެ ލ. އަތޮޅަށް ފެއްޓެވި ދަތުރުގައި، ރޭ ފޮނަދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މާލެއިން ޖަލްސާއަށް ދާނެ ޒުވާނުންކޮޅެއް ނުލިބުމުން ރާއްޖޭގެ އެކި ހިސާބުތަކުން މީހުން ގެންގޮސްގެން ޖަލްސާ ބޭއްވީ ކަމަށެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިޔަސް ރޭ އަލިމަސް ކާނިވަލުގައި އިދިކޮޅުން ބޭއްވި ޖަލްސާގައި މީހުން ގިނަވެ ކާނިވަލް ސަރަހައްދު ފުރިގެން ކައިރި ރެސްޓޯރެންޓު ތަކުގެ ބެލްކަނީއަށް އަރައި އަދި އެތަނުގެ ބޭރުގައި ވެހިކަލްތަކުގައި ވެސް މީހުން ޖަލްސާގައި ބައިވެރިވާން ގޮސްފައި ތިއްބެވެ. އަދި އޭގެ ތެރެއިން ގިނައީ ވެސް ޒުވާނުން ކަން ފާހަގަކޮށްލެވެއެވެ.
އިދިކޮޅުން ރޭ މާލޭގައި ޖަލްސާއެއް ބޭއްވީ، މާލޭގައި ޖަލްސާއެއް ބާއްވާނެ ތަނެއް ނުދޭތާ ތިން އަހަރު ފަހުންނެވެ. އިދިކޮޅުން ހަރަކާތްތައް ކުރިއަށް ގެންދާ ތަންތަން ވަނީ އެކި ފަހަރު މަތިން ފުލުހުން ގޮސް ރޫޅާލާފައެވެ. އަދި ބޭނުން ކުރާ ބައެއް ސާމާނުތައް ވެސް ފުލުހުން އަތުލާފައިވެއެވެ.
މިސަރުކާރުގައި ފެންނަ އާންމު މަންޒަރަކީ އިދިކޮޅުން ސިޔާސީ ހަރަކާތެއް ހިންގާނަމަ ފުލުހުންގެ ހުރަސްއެޅުންތަކާ ކުރިމަތިވެ، ސަރުކާރުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ފުލުހުންގެ އެހީއާ މަދަދު ލިބޭ ތަނެވެ. އިދިކޮޅުން ވަނީ އެއީ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅުމަށް ކުރާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ.