ރިޔާސީ އިންތިހާބުގައި ރީ-ރަޖިސްޓްރީ ކުރުމަށް އޮޅުވާލައިގެން ފޯމު ތަކެއް ހުށަހެޅި ތިން މީހަކަށް ދައުވާކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކުރީ އެކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު އަޙުމަދު އަކްރަމް ވިދާޅުވީ އޮޅުވާލައިގެން އެހެން މީހެއްގެ އިނގިލީގެ ނިޝާން ޖަހައިގެން ރީ-ރަޖިސްޓްރޭޝަން ފޯމު ތަކެއް ހުށަހެޅީ ސިޔާސީ ޕާޓީ އަކަށް ނިސްބަތްވާ ތިން މީހަކު ކަމަށެވެ. ނަމަވެސް އެމީހުން ނިސްބަތްވާ ޕާޓީއެއް އަކްރަމް ވިދާޅުވެފައެއް ނުވެއެވެެ. އެކަމަކު އަކްރަމު ވިދާޅުވީ އެ ފޯމުތައް ގެނައީ އެއް ފަހަރާ ގެނައި ފޯމު ބޮޑިތަކެއްގެ ގޮތުގައި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ވަގު ފޯމުގެ ގޮތުގައި ހުށަހަޅާފައިވާ 1892 ފޯމު ބާތިލުކޮށްފައިވާ ކަން ޔަގީންކޮށްދެއްވާފަ އެވެ. ދައުވާ ކުރަން ނިންމި މީހުންގެ ތެރޭގައި ފޯމްތައް ހުށަހެޅި މީހުންނާއި ހެކިވެރިންގެ ގޮތުގައި ތިބި މީހުން ހިމެނެ އެވެ.
އިންތިހާބު އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކުގެ ފޯމް ހުށަހެޅިއިރު ވެސް އައިޑީ ކާޑުގައި ހުރި މައުލޫމާތުތަކެއް އެޑިޓްކޮށްގެން 11 މީހެއްގެ ފޯމު ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. މިމައްސަލާގައި ވެސް ފޯމު ހުށަހެޅި މީހުންނާ ދެކޮޅަށް ދައުވާ ކުރަން މިހާރު ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.