ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ކުރެވުނު ޖޫރިމަނާގެ ފައިސާ މިއަދު ދައްކައިފި އެވެ.
ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރިއިރު މީގެ ކުރިން އެކި ފަހަރު މަތިން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ 1.7 މިލިއަން ރުފިޔާ އިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފަ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިފަހަރު ރާއްޖެ ޓީވީ ޖޫރިމަނާ ކުރީ ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ހުތުރުވާ ފަދަ ދޮގު މައުލޫމާތު ގެނެސްދީފައިވާތީ އާއި ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބުނެ މިދިޔަ އޯގަސްޓް މަހުގެ އަށްވަނަ ދުވަހު އެވެ.
މިފައިސާ ދައްކަން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ދީފައިވަނީ އެންމެ 30 ދުވަހެވެ.
މި ފައިސާ ދެއްކުމަށްޓަކާ އެކި ހެޔޮއެދޭ ފަރާތްތަކުން ވަނީ ރާއްޖެ ޓީވީއިން ބެހެއްޓި "އަބުރުފުޅު" ފަންޑަށް ވަރަށް ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިގެން ރާއްޖެ ޓީވީން މިއަދު ޖޫރިމަނާ ފައިސާ ދެއްކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށެވެ. މީރާ އިން މިހާރު އެ ފައިސާ ބަލައިގަނެ ގުނުމުގެ ކަންތައް ކުރިޔަށް ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ.
މީރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ބަންދުކުރަން މަސައްކަތް ކުރި ނަމަވެސް ދިވެހި ރައްޔިތުން އެކަމަށް ފުރުސަތު ނުދޭނެކަން މިއަދު ވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި ﷲގެ ނިންމެވުން މާމަތިވެރި ކަމަށްވެސް ވިދާޅުވި އެވެ.
ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި ކުރުމަކީ ފޭރިގަތުމުގެ އަމަލެއް ކަމަށާއި ރާއްޖެ ޓީވީއަށް ޖޫރިމަނާ ފައިސާ ދައްކައި ދެނީ ދިވެހި ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތައް ކަަމަށް ވެސް ފިޔާޒް ވިދާޅުވިއެވެ.
ރާއްޖެ ޓީވީގެ ގާނޫނީ ވަކީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދެ މިލިއަން ރުފިޔާ މިއަދު ދެއްކި ނަމަވެސް މިފައިސާ ދައްކަން ޖެހޭ ސަބަބު މިއަދާ ހަމައަށްވެސް ސާފުވެފައި ނުވާ ކަމަށެވެ. އަދި ދެ މިލިއަން ރުފިޔާ މިއަދު ދެއްކުމަށްފަހު މިމައްސަލަ މާދަމާ ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ގާނޫނީ ވަކީލު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ ޓީވީ ޖޫރިމަނާކުރި ކޮންމެ ފަހަަރަކު ވެސް އެސްޓޭޝަނުން ވަނީ މީގެކުރިން ވެސް ޖޫރިމަނާ ފައިސާ ދައްކާފަ އެވެ. އަދި މީގެ ބައެއް މައްސަލަތައް ރާއްޖެ ޓީވީން ވަނީ ޝަރުއީ ކޯޓު ތަކަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު މިމައްސަލަތައް ކުރިއަށް ނުދާ ކަން ފާހަގަކުރެވެ އެވެ.
ރާއްޖެ ޓީވީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އެ ސްޓޭޝަނާ ދެކޮޅަށް ތަފާތު ފިޔަވަޅު އަޅަމުން ގެންދަނީ އެ ސްޓޭޝަން ބަންދުކުރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން ކަމަށް ރާއްޖެ ޓީވީން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.