މިމަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް ވޯޓު ލާން ހުޅުވާލާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަންސް(އީސީ) އިން އިއުލާނުކޮށްފިއެވެ.
އީސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންޑިއާ އަދި ސްރީލަންކާގައި ވޯޓުލާން ފަށާނީ އެގައުމުތަކުގެ ގަޑިން ހެނދުނު 8:30 ގައި ކަަމަށެވެ. އަދި ވޯޓު ފޮށި ބަންދު ކުރާނީ ހަވީރު 4:00 ގައި ކަމަށެވެ.
އިނގިރޭސިވިލާތުގައި ވޯޓު ފޮށި ބަހައްޓާނީ އެގައުމުގެ ގަޑިން ހެނދުނު 9:30 ގައި ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ. އަދި ވޯޓު ފޮށި ބަންދު ކުރާނީ އެގައުމުގެ ގަޑިން 17:30 ގައެވެ. މީގެއިތުރުން މޭލޭޝިއާގައި ވޯޓުލާން ފަށާނީ އެގައުމުގެ ގަޑިން 11:00 ގައެވެ. އަދި ވޯޓު ފޮށި ބަންދުކުރާނީ 19:00 ގައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ މިހަތަރު ގައުމުގައި އެކަންޏެވެ.
އިންތިޚާބު ގާތްވެފައިވަނިކޮށް ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދީ ރާއްޖެއިން ބޭރުގައި ފިލައިގެން ތިބި ކަމަށް ބުނާ ބައެއް މީހުން ރީރަޖިސްޓްރީ ކުރި ތަނުން އެމީހުންގެ ނަން އުނިކޮށް އެމީހުންގެ ރަޖިސްޓްރީ އޮތް ތަނުގައި ނަން ހިމަނާފައިވާ ކަމަށް މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. މިހެން ވުމުގެ ސަބަބުން އެ ފަރާތްތަކުގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަނެފައިވާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކުރެއެވެ.