އަންނަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާ، އަސްލު ސައިޒު ދައްކާލާނެ ކަމަށް އެ ޕާޓީ އިން މިއަދު ބުނެފި އެވެ.
ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ޒަމާނުއްސުރެ ވެސް ރައީސް އަބްދުﷲ ޔާމީން އާއި ޒުވާނުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށާއި، ރައީސް ޔާމީންގެ ފުރަތަމަ މެނިފެސްޓޯ ވެސް ހިއްސާކުރެއްވީ ޒުވާނުންގެ ތެރެއިން ކަމަށެވެ.
އަދި ޒުވާނުން ތިބީ އިދިކޮޅު ފަރާތްތަކާއި އެކު ކަމަށް އެ ބޭފުޅުން ހީފުޅުކުރެއްވިނަމަވެސް، އެމްޑީޕީގެ ފިކުރުގެ ތެރެއިން ދިވެހި ޒުވާނުން ދަތުރު ކުރި ޒަމާން މާޒީވެ ނިމިއްޖެކަން ހަފްތާއެއްގެ ތެރޭގައި ވަރަށް ސާފުކޮށް ހާމަކޮށްދޭނެ ކަމަށެވެ.
ނިހާން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާއަކީ ރަށްރަށުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫން ކަމަށާއި، ނަމަވެސް މި މަހުގެ 17 އަދި 18 ވަނަ ދުވަހު ރަށްރަށުން ވެސް މީހުން ގެނެސްގެން ޕީޕީއެމްގެ "ރަސްމީ ސައިޒު" ދައްކާލާނެ ކަމަށެވެ.
އަދި އެ ޖަލްސާގެ އެންމެ ކުރީ ސަފުގައި ތިބޭނީ ދިވެހި ޒުވާނުން ކަމަށްވެސް ނިހާން ވިދާޅުވި އެވެ.
ނިހާން މިހެން ވިދާޅުވިއިރު، ޕީޕީއެމް އިން ހުކުރު ދުވަހު ބޭއްވި ޖަލްސާއަށް ވުރެ ގިނައިން އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ބޮޑު ޖަލްސާގައި މީހުން ބައިވެރިވުމާ ގުޅިގެން ޕީޕީއެމް އަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ނިހާން ވިދާޅުވީ ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ދަންނަވާކަށް ބޭނުމެއް ނުވާ ކަމަށާއި، ޕީޕީއެމް އިން ރަސްމީ ޖަލްސާ ބޭއްވުމަށް ފަހު ދެން އިދިކޮޅު ފަރާތްތަކަށް ބުނާނެ އެއްޗެއް ނޯންނާނެ ކަމަށެވެ.