Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

މީދޫގައި "އޭ38"ގެ ނަމުގައި އިއްތިހާދުން ޖަގަހައެއް ހުޅުވައިފި

އައްޑޫ ސިޓީ މީދޫގައި "ވިނަމަ އޭ38"ގެ ނަމުގައި އިދިކޮޅު އިއްތިހާދުގެ ޖަގަހައެއް ހުޅުވައިފި އެވެ.

އޭ38 ނަން އެ ޖަގަހައަށް ދީފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ އިފްތިތާހު ކުރެއްވުމަށް ބޭއްވި ޖަލްސާގައި އޭ38ގެ މަތިންދާ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެ ކަމަށް ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނަށް ސޯޝަލް މީޑިއާގައި ހަޖޫ ޖަހަމުންދާ ދިއުމަށް ދީފައިވާ ނަމެކެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އެންމެ ބޮޑެތި މަތިންދާ ބޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖައްސަން ފަށާނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓަކީ އޭ380 ގެ ފްލައިޓެވެ. އެހެންނަމަވެސް އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވީއައިއޭގައި ޖައްސާނީ "އޭ38" ގެ މަތިންދާ ބޯޓު ކަމަށެވެ. އޭ38ގެ ބޯޓެއްް އަދި މިހާތަނަށް އުފައްްދާފައި ނުވެއެވެ.

އޭ38 ޖަގަހަ މިއަދު ހަވީރު އިދިކޮޅު އިއްތިހާދުން ހުޅުވުމަށްފަހު ވަނީ ހަވީރުގެ ސައެއް ވެސް ބާއްވާފައެވެ.

މީދޫގައި މީގެ ކުރިންވަނީ "އެޑްވާންސް" ނަމުގައި ވެސް ޖަގަހައެއް ހުޅުވާފައެވެ. އެޑްވާންސް ނަން ދީފައިވަނީ ތަރައްޤީ ގެނައުމަށް އެޑްވާންސްކޮށް ވައްކަން ކުރުމަކީ މައްސަލައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން ދީފައިވާ ނަމެކެވެ.