ރިޔާސީ އިންތިޚާބުގައި ވޯޓުލުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ވެސް އަސާސީ ޙައްޤެއް ކަމަށާއި، އެ ޙައްޤުން އެއްވެސް ރައްޔިތަކު މަހްރޫމްކުރުމުގެ ބާރެއް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވެސް އަދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ލިބިގެން ނުވާ ކަމަށް ޖުމްހޫރީ ޕާޓީ އިން ބުނެފި އެވެ.
ޖޭޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ވަކި ޤައުމެއްގައި ތިބި ވަކި ބޭފުޅުންތަކެއް ވޯޓުލާން ރާއްޖެ އަންނަން ޖެހޭ ގޮތަށް ހަމަޖެއްސުމުގެ ބާރު އީސީ އަށް ނޯންނާނެ ކަމަށާއި އަދި އެކަމަށް އެދުމުގެ ބާރު ފުލުހުންނަކަށް ވެސް ނޯންނާނެ ކަމަށެވެ. އަދި ވޯޓުލާނެ ތަނެއް ކަނޑައެޅުމަކީ އެ މީހެއްގެ އަމިއްލަ ކަމެއް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި އަލީ ވަހީދުވެސް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްދީފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަންގައި ކަމަށާއި، އެހެންނަމަވެސް އީސީ އިން ފައިނަލް ވޯޓާސް ލިސްޓް ނެރުނުއިރު އޭގައި އޮތީ އަލީ ވަހީދު ވޯޓުލައްވަން ވަޑައިގަންނަވަން ޖެހެނީ ހދ. ކުޅުދުއްފުށްޓަށް ކަމަށާއި އަދި ޤާސިމް އިބްރާހިމް ވޯޓުލައްވަން ވަޑައިގަންނަވަން ޖެހެނީ މާލެ އަށް ކަމަށެވެ.
ސަމީރު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބަކީ މިނިވަން އިންސާފްވެރި އިންތިޚާބަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކަށް ވެސް އެ ރައްޔިތަކު ބޭނުންވާ ތަނަކަށް ވޯޓު ލެވެން ޖެހޭނެ ކަމަށެވެ.
"އެކަން އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކޮށްފައި، އެ ފަރާތަށް ލިޔުން ދިނުމަށްފަހުގައި، އެސްއެމްއެސް ފޮނުވުމަށްފަހުގައި، ވަކި ފަރާތަކުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެގެން އެކަންކަން ބަދަލުކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމެއް. އަދި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބާރާއި ނުފޫޒު އަބްދުﷲ ޔާމީންގެ ފަރާތުން ފޯރަމުންދާކަމަކީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް"، ސަމީރު ވިދާޅުވި އެވެ.
ސަމީރު ވަނީ ރާއްޖެއިން ބޭރުގައި ތިބި ބޭފުޅުންނަށް، އެ ބޭފުޅުން އިޚްތިޔާރުކުރައްވާ ތަނަކުން ވޯޓުލެއްވޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.