މި އަހަރުގެ ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފްވެރި އިންތިޚާބަކަށް ނުވެއްޖެނަމަ، ރާއްޖެއާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އެމެރިކާ އިން ނެރުނު ބަޔާނަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ތާއީދުކޮށްފި އެވެ.
އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ދިވެހިރާއްޖެ ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގެ ސިޔާސީ ޙާލަތު އިތުރަށް ގޯސްވެފައިވާ މައްސަލައާއި މެދު ކަންބޮޑުވުން ފާޅު ކުރީތީ ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ސިޔާސީ ކުށްވެރިންތަކެއް ހައްޔަރު ކުރުމާއި މަޖިލީހާއި ކޯޓުތައް އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ހުރަސް އަޅާ މައްސަލާގައި ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށާއި އެމެރިކާ އިން ވެސް ބުނަމުން އަންނަ ގޮތަށް 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއާރްއެމް އިން ވަނީ މިހާރުން މިހާރަށް ހުރިހާ ސިޔާސީ ހައްޔަރީން މިނިވަންކޮށް، ފުރިހަމައަށް އެކަށީގެންވާ ގޮތަށް މަސައްކަތްކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހއި ކޯޓުތައް އިޔާދަކޮށް، މިނިވަން މުއައްސަސާތަކަށް ބިރުދައްކައި ނުފޫޒްފޯރުވަން މަސައްކަތް ނުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.
އަދި އިންތިޚާބު އޮޅުވާލަން އުޅޭކަމުގެ ހެކިތައް މިހާރުވެސް ފެންނަމުންދާތީ، ރިޔާސީ އިންތިޚާބަށް ހުރަސްނާޅައި، ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ދިނުމަށް ވެސް އެމްއާރްއެމް އިން ވަނީ ގޮވާލާފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ޑިމޮކްރަސީއަށް ހުރަސްއަޅައި، ޤާނޫނީ ވެރިކަމެއް ހިންގުމަށް ދަތިކޮށް އަދި މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސް އަޅާ ރާއްޖޭގެ ވަކި ވަކި ފަރުދުންނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.