Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

ރަސްމީ ސައިޒް ދެއްކުމާއިގުޅޭ ގޮތުން ނިހާނަށް މަހްލޫފްގެ ރައްދު

ޕީޕީއެމުން އެ ޕާޓީގެ ރަސްމީ ސައިޒް ދައްކާލާނެ ބޮޑު ޖަލްސާއެއް އަންނަ ހަފްތާ ތެރޭގައި ބާއްވާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވި ބަސްފުޅަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ރައްދު ދެއްވައިފިއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވެފައިވަނީ ﷲގެ އިރާދަފުޅާއެކު އެ ބޭފުޅުންގެ ރަސްމީ ސައިޒް ދައްކާލާނީ 23 ސެޕްޓެމްބަރުގައި ކަމަށެވެ.

ރަސްމީ ސައިޒް ދައްކާލަން ޕީޕީއެމުން ބޮޑު ޖަލްސާއެއް ބާއްވަނީ ކަމަށް ދިވެހި އޮންލައިން ނޫހެއްގައި ލިޔެފައިވާ އާޓިކަލް އަކަށް އިޝާރާތް ކުރައްވާ މަހްލޫފް ވިދާޅުވެފައި ވަނީ " ބްރަދާ ނިހާން، އަޅުގަނޑުމެންގެ ރަސްމީ ސައިޒް ދައްކާލާނީ ﷲ އިރާދަފުޅާއެކު 23 ސެޕްޓެމްބަރު ގަ" މިހެންނެވެ.

ފާއިތުވީ ހަފްތާގެ ތެރޭގައި ސަރުކާރު ހިމެނޭ ޕާޓީ ޕީޕީއެމުން ވަނީ މާލޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އޭގެ ފަހުން ގުޅިފައިވާ އިއްތިހާދުން ވެސް ވަނީ ހޮނިހިރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ފިސާރި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތު ކުޑަތަން ވަމުން އަންނަ ވަރަކަށް ކޮންމެ ރިޔާސީ ކެންޑިޑޭޓެއް ވެސް އެ ބޭފުޅަކަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ދެއްކެވުމަށް ނުހަނު މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.

އެ ޕާޓީއެއްގެ ކުލަތަކުން ރަށުތެރެ ޒީނަތްތެރި ކުރުމުގައި އެކްޓިވިސްޓުން އަވަދިނެތި އުޅެމުންދާ އިރު ޖަގަހަ ތަކުން ޖަހަމުންދާ ލަވަތަކުގެ އަޑުން ބައެއް ފަހަރު އަވައްޓެރިންނަށް އުނދަގޫވާ ވަރުވެސް ވާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.