Last Updated: June 8, 18:49
Monday, June 8, 2026
ޚަބަރު

އީސީން އަމަލު ކުރަމުން ދަނީ ސަރުކާރުން ބޭނުންވާ ގޮތަށް: ސަމީރު

ފޮޓޯ: ވަގުތު އިމޭޖެސް

އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން ގެންދަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު މިހެން ވިދާޅުވީ ރާއްޖެއިން ބޭރުގައި ވޯޓްލުމަށް ކުރިން ރަޖިސްޓްރީ ވެފައިވާ ބައެއް ބޭފުޅުން ރާއްޖޭގައި ވޯޓްލާގޮތަށް އިލެކްޝަންސް ކޮމިޝަނުން ބަދަލުކުރި މައްސަލާގައި އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ އެއަމަލުން އެކަނިވެސް އެކޮމިޝަނުން ކަންކުރަމުން ގެންދަނީ ސަރުކާރުން ބޭނުންވާ ގޮތަށްކަން ސާފުކަމުގައެވެ. ގާނޫނަކުން ބާރު ލިބިގެން ނޫނީ އަސާސީ ހައްގެއް ހަނި ނުކުރެވޭނެ ކަމަށާއި ވޯޓް ލުމަކީ އަސާސީ ހައްގެއް ކަމުގައި ވެސް ސަމީރު ފާހަގަ ކުރެއްވިއެވެ.

ވަކި ބޭފުޅުންތަކެއް ވޯޓުލުމަށް ރާއްޖެ އަންނަން ޖެހޭ ގޮތަށް ހެދުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނާނެ ކަމަށް ސަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ސަމީރު ވިދާޅުވީ އެފަދަ ކަމަކަށް އެދުމުގެ ބާރު ފުލުހުންނަކަށް ވެސް ނެތް ކަމަށާއި ވޯޓުލާނެ ތަނެއް ކަނޑައެޅުމަކީ އެ މީހެއްގެ އަމިއްލަ ކަމެއް ކަމުގައެވެ. އަދި ޖަލުގައި ތިބޭ ގައިދީންނަށްވެސް ވޯޓްލުމުގެ ހައްގު ލިބިގެންވާކަމަށް ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ އަމަލުން ސާބިތުވެގެންދަނީ އެކޮމިޝަނުން އޮތީ ރައީސް ޔާމީނަށް ތާއީދުކޮށްގެން ކަމުގައެވެ. އަދި އީސީން މަސައްކަތް ކުރަމުން ގެންދަނީ ވާދަވެރި ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބެންޖެހޭ ވޯޓްގެ ހައްގު ނިގުޅައިގަންނަމުން ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ވޯޓްލުމަށް ކުރިން ރެޖިސްޓްރީވެފައިވާ ބައެއް ބޭފުޅުން ރާއްޖޭގައި ވޯޓްލާގޮތަށް އިލެކްޝަންސް ކޮމިޝަނުން ބަދަލުކުރީ އެބޭފުޅުންނަކީ ތަހުގީގަށް ފިލައިގެންއުޅޭ ބޭފުޅުންކަމަށް ބުނެއެވެ.

އެގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުމުގެ ސަބަބުން ރާއްޖެއިން ބޭރުގައި ތިއްބެވި ބައެއް ފަރާތްތަކަށް ވޯޓު ނުލެވޭ ގޮތް ވަނީ ވެފައެވެ. އެންމެ ވޯޓަކީ ވެސް ނަތީޖާ ބަދަލު ކޮށްލާނެ އެއްޗަކަށް ވާއިރު މިކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.