ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި އެމަނިކުފާނުގެ ބޭބެ ރައީސް މައުމޫނަށް އެމަނިކުފާނު ވަނީ އަނިޔާވެރިވެފައި ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ހައްޔަރު ކޮށްފައިވަނީ އެމަނިކުފާނުގެ ފޯނު ފުލުހުންނާ ހަވާލު ނުކުރުމުގެ ސަބަބުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންކަމުން އެކަމަށް ނިސްބަތްކޮށް "ފޯނު ޖަގަހަ" މިނަމުގައި މައުމޫން ރިފޯމް މޫވްމަންޓުން ގާއިމްކުރި ޖަގަހަ އާދީއްތަ ދުވަހުގެރޭ ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރައްވާފައިވަނީ ރައީސް މައުމޫނު ކަމަށެވެ.
އިބޫ ވިދާޅުވީ ހަގީގަތުގައި ރައީސް ޔާމިން ވެރިކަމަށް އައިސްފައިވަނީ ރައީސް މައުމޫނު ކުރެއްވި ހިތްވަރާއި ބުރަ މަސައްކަތުޕުޅާއި، އެމަނިކުފާނަށް އޮތް ތާއީދުގެ ސަބަބުން ކަމަށެވެ. އަދިވެސް އަތޮޅުތެރެއާއި މާލޭގައި ރައީސް މައުމޫނަށް ވަރަށް ބޮޑު ތާއީދެއް އެބަ އޮތްކަމަށް ފާހަގަކުރައްވައި އިބޫ ވިދާޅުވީ، މިއަދުގެ ސަރުކާރުން އަބަދުވެސް ދައްކަމުން އައީ ހުދުމުހުތާރު ކަމާއި އަނިޔާވެރިކަން ކަމަށެވެ.
އިބޫ ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން އިދިކޮޅު ފަރާތްތައް ކެމްޕޭން ކުރުމަށް ހުރަސް އަޅުއްވާ ކަމަށެވެ. އެއްވެ އުޅުމަށް ފުރުސަތު ނުދެއްވާކަން ވެސް ފާހަގަ ކުރެއްވިއެވެ.
ރައްޔިތުން މިހާރު ތިބީ އަނިޔާވެރިކަމާއި ދެކޮޅަށް އަތުގުޅާލައިން ނުކުމެ ކަމަށާއި، ކުރިމަތި ކުރަމުންދާ ދަތިތަކަށް ރައްޔިތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.