ތ. ކަނޑޫދޫއަށް ފޮނުވި ވޯޓު ފޮށި، އެރަށުން ފޯކަލް ޕޮއިންޓުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މީހާގެ ގޭގައި ދިހަ ވަރަށްކަށް ދުވަސްވަންދެން ބެހެއްޓި މައްސަލައެއް ފެންމަތިވެއްޖެއެވެ.
އޮފިޝަލެއްގެ ގެއަށް ވޯޓު ފޮށި ވެއްދި މައްސަލައާ ގުޅޭގޮތުން އެރަށު ކައުންސިލުގެ ރައީސް އަލީ ނާސިހު އާއި ހަވާލާދީ ދިވެހި އޮންލައިން ނޫސް ވީއެފްޕީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވޯޓު ފޮށި އެރަށަށް ގެންގޮސްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އަދި ރެއާ ހަމައަށް އެފޮށި ބަހައްޓާފައި ހުރީ އޮފިޝަލުގެ ގޮތުގައި ކަނޑައަޅާފައިވާ މުހައްމަދު އަބްދުﷲ ކިޔާ މީހާ ދިރިއުޅެމުން އަންނަ "ރަބީޔު" ގޭގައި ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް ވެއެވެ.
ކައުންސިލަށް ވޯޓު ފޮށި ގެންގޮސްފައިވަނީ އާދީއްތަ ދުވަހުގެރޭ ކަމަށް މައުލޫމާތު ލިބެއެވެ. ފޮށި ހިފައިގެން ކައުންސިލަށް ދިޔުމުން ގޭގައި ފޮށި ބެހެއްޓީ ކީއްވެތޯ ސުވާލު ކުރި ކަމަށާއި، ހިފައިގެން ދިޔަ އިރު އޮފީސް ބަންދު ކޮށްފައި ހުރުމުން ގެޔަށް ގެންދިޔައީ ކަމަށް އެމީހާ ބުނި ކަމަށް ކައުންސިލުން ބުނެއެވެ. ނަމަވެސް އޭގެ ފަހުން ވެސް އޮފީސް ހުޅުވިފައި ހުންނަތާ ކިތަންމެ ދުވަހެއް ވީ އިރުވެސް އޮފީހަށް ނުގެންގޮސް ހުރީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ އެއްވެސް އެއްޗެކޭ ބުނެފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކަނޑޫދޫ ކައުންސިލު އިދާރާގައި އެސިސްޓެންޓް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ވެސް ކުރާ އެމީހާގެ ގޭގައި ވޯޓު ފޮށި ބެހެއްޓިއިރު އޭނާއަކީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވެފައިވާ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުންގެ ޝަރުތުގެ ތެރޭގައި އޮފިޝަލުންގެ ގޮތުގައި ކުރިމަތިލާ ފަރާތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެގެން ނުވާނެއެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ހޯދުމުގެ މަސައްކަތް ކުރާ މީހަކަށް ވެސް އެމީހާ ވެގެން ނުވާނެއެވެ. ކަނޑޫދޫގެ ފޯކަލް ޕޮއިންޓުގެ ގޭގައި ވޯޓު ފޮށި ބެހެއްޓި މައްސަލައާ ގުޅިގެން މިހާތަނަށް އީސީގެ ބަހެއް ލިބިފައެއް ނުވެއެވެ.