Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހަފްސީ އެމްޑީޕީއާ ގުޅި، އިބޫއާ އެކު ނ. އަތޮޅު ކެމްޕެއިންގައި

ފޮޓޯ: ރާއްޖެއެމްވީ

ދައުލަތުގެ މީޑިއާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރި ނޫސްވެރިޔާ، ހަފްސީ އަބްދުﷲ އެމްޑީޕީއާ ގުޅި، ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ އެކު ނ. އަތޮޅު ކެމްޕެއިންގައި ބައިވެރިވެއްޖެއެވެ.

ހަފްސީ ވަނީ ތޭރަ އަހަރު ވަންދެން ޕީއެސްއެމްގައި މަސައްކަތް ކުރައްވާފައެވެ. ޕަބްލިކް ބްރޮޑްކާސްޓަރެއްގެ ސިފަ ޕީއެސްއެމުން ގެއްލި، ތެދު ޚަބަރާއި އިޖްތިމާއީ، ސިޔާސީ އަދި އަހުލާގީ ސިފަތައް ކުރިއެރުވުމަށް ޒިންމާ ޓީވީއެމުން ފެނިގެން ނުދާ ކަމަށް ބުނެ، ޕީއެސްއެމުން ހަފްސީ އިސްތިއުފާ ދީފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

އެއަށް ފަހު ގުޅިފައިވާ އިއްތިހާދުގެ އެމްޑީޕީއަށް ހަފްސީ ވަނީ މިދިޔަ އާދީއްތަ ސޮއި ކުރައްވާފައެވެ. އެއަށް ފަހު އޭނާ ވަނީ އިބޫއާ އެކު ނ. އަތޮޅަށް ކުރާ ދަތުރުގައި ބައިވެރިވެވަޑައިގެންފައެވެ. އޭނާގެ އުފަން ރަށް، ލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ހަފްސީ ބުނީ ގުޅިފައިވާ ޕާޓީތަކުން ބޭއްވި ބޮޑު ޖަލްސާގައި އޭނާ ބައިވެރިވި ކަމަށާއި އެ ޖަލްސާގައި ބައިވެރިވުމުން ރަނގަޅު ކޮޅުގައި ހުރެވުނު ކަމުގެ އިހްސާސް ކުރެވުނު ކަމަށެވެ.

އެމްޑީޕީގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން، އަދާލަތު ޕާޓީގެ މެމްބަރުން، އެބޭފުޅުންނާއެކު މަސައްކަތް ކުރާ މެމްބަރުންގެ ޖޯޝާއި ފޯރި ކެކިގެން އަރާތަން ފެނުނީމަ ކުރެވުނީ އުފާވެރި އިހުސާސްތަކެއް ކަމުގައި ހަފްސީ ވަނީ ވިދާޅުވެފައެވެ." އަޅުގަނޑުގެ ހިތަށް ވެސް އެރި އަދިކިރިޔާއޭ، ރަނގަޅު ދިމާލުގައި މި ހުރެވުނީ،" ޒުވާނުންގެ އިނާމުގެ ވެސް ހޯދާފައިވާ ހަފްސީ ބުންޏެވެ.

ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ހޯދާފައިވާ ހަފްސީ، ގުޅިފައިވާ ޕާޓީތަކާ އެކު މަސައްކަތް ކުރަން ފެށުމުން، އެކަމަށް ހިތްވަރު ދެއްވައި އެ ޖަލްސާގައި އިބޫ ވިދާޅުވީ ހަފްސީ ނުކުމެ ހުރީ މިނިވަން ނޫސްވެރިކަން ހޯދުމަށް ކަމަށެވެ.

ހަފްސީއަކީ ޓީވީއެމްގައި ވަރަށް ބުރަކޮށް މަސައްކަތްކޮށް، ވަރަށް ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ ނޫސްވެރިއެއް ކަމަށާއި އެހެން ނަމަވެސް މިނިވަން ނޫސްވެރިކަން ނެތުމުން، އެ މިނިވަންކަން ހޯދުމަށްޓަކައި ވަޒީފާ ދޫކޮށްލާފައި، ނުކުމެވަޑައިގެން ހުންނެވީ ކަމަށް އިބޫ ވިދާޅުވިއެވެ.

ވަޒީފާ ދޫކޮށްލުމަށް ފަހު، ގުޅިފައިވާ ޕާޓީތަކާ އެކު ހަފްސީ މަސައްކަތް ކުރަން ފަށާފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ ސިވިލްސާވަންޓުން ގެންދަނީ ފާޅުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދު ކުރައްވަމުންނެވެ.

އިބޫ ވައުދުވެވަޑައިގެންފައި ވަނީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެމަނިކުފާނުގެ ވެރިކަމެއްގައި ބަދަލު ދިނުމާ އެކު، ވަޒީފާ ވެސް އިޔާދަކޮށްދެއްވާނެ ކަމަށެވެ.