އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ތ. ކަނޑޫދޫއަށް ވަޑައިގަތުމުން އެރަށުން ހޫނުމަރުހަބާއެއް ދަންނަވައިފި އެވެ.
ފައިސަލް ނަސީމް މިއަދު ހެނދުނު ކަނޑޫދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަހައްދަށް އެއްވެ މަރުހަބާ ދަންނަވާފައެވެ.
އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރު ހިންގާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށެވެ.
ފައިސަލް ވިދާޅުވީ ދިވެހިރައްޔިތުން އިއްތިހާދަށް މަރުހަބާ ކިޔަނީ ވަރަށް ލޯތްބާއި އަޅާލުމާއި އެކު ކަމަށާއި، އޭގެ ބަދަލުގައި އިއްތިހާދުގެ ވެރިކަމުގައި ރައްޔިތުންނަށް އޭގެ ހެޔޮބަދަލު ދޭނެކަމުގެ ޔަޤީންކަންދޭ ކަމަށެވެ.
އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަކީ މަޖިލީހުގައިވެސް މިހާތަނަށް ރައްޔިތުންގެ ހައްގުގައި ކެތްތެރިކަމާއި ހިކުމަތްތެރި ކަމާއިއެކު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އަދި ހަމަ އެހެންމެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުވެސް މިއަދު ހުރީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރެވޭ ހާލުގައި މި އަނިޔާވެރިކަމުގެ ޝިކާރައަކަށްވެފައި ކަމަށް ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރަށް ފައިސަލް ވަނީ ތ.އަތޮޅުގައި ފަތުރުވެރިކަން ކުރިއަރުވައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭނެ ކަމަށެވެ. އެގޮތުން ކނޑޫދޫއަކީވެސް ރާއްޖޭގެ އެހެން ރައްތަކެކޭ އެއްގޮތަށް ވަރަށްބޮޑު ރީތިފަޅެއް އޮތްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، އިއްތިހާދުގެ ސަރުކާރެއްގަިއ ކަނޑޫދޫ ހިމެނޭ ސަރަހައްދުގެ ފަޅުތެރޭގައި ރިސޯޓެއް ތަރަށްޤީ ކުރެވިގެންދާނެ ކަމަށެވެ.
އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ތ. އަތޮޅަށް ފެއްޓެވި މި ދަތުރުފުޅުގައި ކަނޑޫދޫއަށް ފަހު، ހިރިލަންދޫ، ވަންދޫގެ އިތުރަށް އޮމަދޫ، ވޭމަންޑޫ އަދި ކިނބިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ ކަނޑޫދޫގައި ގުޅިފައިވާ އިއްތިހާދުގެ ޖަލްސާއެއް ކަނޑޫދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.