މީގެ ކުރިންވެސް އަމަލު ކުރަމުން އައި ގޮތަށް އިންތިޚާބީ މަރުކަޒުތަކުގައި ބަހައްޓާ ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަންޖެހޭ ގޮތަށް ބަދަލުކޮށް ދިނުމަށް އެމްޑީޕީއިން އީސީގައި އެދިއްޖެއެވެ.
30 ޖުލައި 2018 ގައި މިކަމަށް އެދި އީސީއަށް ފޮނުއްވާފައިވާ ސިޓީއެއް ވަނީ ޓްވީޓާގައި ހިއްސާ ކުރައްވާފައެވެ.

ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަން ނުޖެހޭ ގޮތަށް ކަނޑައަޅާފައިވާތީ ރިޔާސީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާއިމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން ކަމަށް އެ ސިޓީގައި ލިޔެފައިވެއެވެ.
މީގެ ކުރިން ދިވެހިރާއްޖޭގައި ބޭއްވުނު އިންތިޚާބު ތަކުގައިވެސް، ވޯޓުލާ މަރުކަޒުގައި، އެ މަރުކަޒެއްގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓުގައި، ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ހިމަނާފައި ހުންނަކަން ވަނީ ފާހަގަ ކުރައްވާފައެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ފޮޓޯ ނުހިމެނުމަކީ އިންތިޚާބުގައި އޮޅުވާލައިގެން ވޯޓު ދިނުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަންޖެހޭ ކަންތައް ކުރުމާއި، އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ކަށަވަރު ކުރުމަކީ ޤާނޫނު އަސާސީއިން އިލެކްޝަންސް ކޮމިޝަނަށް މަތިކުރުވާފައިވާ ޒިންމާއެއް ކަމަށް އެ ސިޓީގައި ލިޔެފައިވެއެވެ.
އެހެން ކަމުން މީގެ ކުރިންވެސް އަމަލު ކުރަމުން އައި ގޮތަށް އިންތިޚާބީ މަރުކަޒުތަކުގައި ބަހައްޓާ ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަންޖެހޭ ގޮތަށް ބަދަލުކޮށް ދިނުމަށް އެމްޑީޕީއިން އީސީގައި ވަނީ އެދިވަޑައިގެންފައެވެ.