ރައްޔިތުންނަށް ގޯނާކުރުމަކީ އޯގާތެރި ވެރިންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫންކަމަށާއި، ރައްޔިތުންނަކީ ވެރިންގެ އަމާނާތެއް ކަމަށް އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ފައިސަލް މިހެން ވިދާޅުވީ ތ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހިރިލަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އޯގާތެރި ވެރިންނަކީ އެއްވެސް ތަފާތުކުރުމެއްނެތި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭ ވެރިންކަމަށް ފައިސަލް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު ހުރިހާ ދިވެހިރައްޔިތުން އަނިޔާއާއި ދެކޮޅަށް ތެދުވެގެން މަސައްކަތް ކުރަމުންދާއިރު، ރައްޔިތުން ތަމްސީލުކުރާ މެންބަރުންނަށްވެސް މި ސަރުކާރުން އަނިޔާވެރިވެފައިވާކަމަށެވެ.
ރާއްޖޭގެ އިދިކޮޅު ހުރިހާ ލީޑަރުންނާއި އަދި މި ސަރުކާރުން ގޯހުން ކުރާ ކަންކަމާއި ޚިޔާލު ތަފާތުވާ ކޮންމެ މީހަކަށް އަނިޔާގެ ހިތި ރަހަ ކުރިމަތިލާންޖެހިފައި ވާކަމަށާއި މިއީ މިފަދަ މުސްލިމް ކުޑަކުޑަ ޤައުމެއްގެ ރައްޔިތުން ތަހައްމަލް ކުރަންޖެހޭނެ ކަންކަން ނޫންކަމަށް ކަމަށް ފައިސަލް ވިދާޅުވިއެވެ. ރައްޔިތުންނާއިމެދު ވިސްނާ ވެރިއަކު ހުރިނަމަ އެކަން އެހެން ނުހިނގާނެކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ރައްޔިތުންނަކީ ތަންދޮރު ނުދަންނަބައެއްކަމަށް ހީކޮށް، ރައްޔިތުންނަށް ހިތުހުރިހާ ގޮތަކަށް ކަންކަން ކުރުމަކީ އަނިޔާވެރިވުން ކަމަށް ފައިސަލް ވިދާޅުވިއެވެ. އިއްތިހާދުގެ ވެރިކަމެއްގައި ހުރިހާ ރައްޔިތުންނަށްވެސް ހިތްހަމަޖެހޭ އުފާވެރި ދިިރިއުޅުމެއް ހޯދަދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އަނިޔާވެރިކަން ހުއްޓުވެންއޮތީ މިމަހުގެ 23 ގައި ނަގާ ވޯޓުން މިކަން ނިމުމަކަށް ގެނެސްގެން ކަމަށެވެ.