Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އެމްޑީއޭ އިން ގުޅިފައިވާ ޕާޓީތަކާއެކު ކުރިޔަށް ދިޔުމަށް އިބޫ ދައުވަތު ދެއްވައިފި

ފޮޓޯ: ވީނިއުސް

މިއަހަރުގެ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސް ގުޅިފައިވާ ޕާޓީތަކާ އެކު ކުރިއަށް ދިއުމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އެމްޑީއޭ އަށް ދައުވަތު ދެއްވައިފި އެވެ.

އެމްޑީއޭ އަށް އިބޫ ދައުވަތު ދެއްވާފައިވަނީ އެމަނިކުފާނު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާޅެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. ނ. އަތޮޅަކީ އެމްޑީއޭ އަށް ތާއީދު ބޮޑު އަތޮޅެކެވެ.

މިއީ އެމްޑީއޭ އިން ގުޅިފައިވާ ޕާޓީ ތަކާ ގުޅެންވީ ވަގުތު ކަމަށް އިބޫ ވިދާޅުވެފައެވެ. ގުޅިފައިވާ ޕާޓީ ތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރާއިރު އެމްޑީއޭ ބައިވެރިއެއްގެ ގޮތުގައި އޮތުމަކީ މުޅި ރާއްޖެއަށް ވެސް އޮތް އެެންމެ ރަނގަޅު ގޮތް ކަމަށްވެސް ވިދާޅުވި އެވެ.

"އެމްޑީއޭގެ އިސްވެރިންނަށް ވެސް އަޅުގަނޑު މިގޮވާލަނީ ތިބޭފުޅުން ވަކިކޮޅަކަށް ނާރުއްވާ ނުތިއްބަވާ އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ. މިއީ ގައުމީ ކަމެކޭ އަޅުގަނޑުމެން މިކުރަނީ. ގުޅިވަޑައިގެން މިކަން ނިންމަމާ ހިންގަވާށޭ. މިއީ އަނެއްހެން ދަންނަވަންޔާ ނިމިފައި އޮތް ކަމެކޭ. އެހެންވީމާ މީގެ ބައިވެރިއެއްގެ ގޮތުގައި ބާކީ ނުވެ މިކަމުގައި ގައުމީ ހިދުމަތެއްގެ ގޮތުގައި މިކަން އިސްކުރައްވައިގެން ނިކުމެވަޑައިގަންނަވާށޭ." އެމްޑީއޭ އަށް ދައުވަތު ދެއްވަމުން އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ކުރިއަށް އޮތް ހަތަރު ފަސް ދުވަހުގެ ތެރޭގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ނުުވަތަ ރަނިންމޭޓް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވާނެ ކަމަށެވެ. ރައްޔިތުންނާ ބައްދަލުކުރުމުން ރައްޔިތުން އެދެނީ އަދުލު އިންސާފު ގާއިމުކޮށްދިނުމަށާއި ދިވެހި ދައުލަތުން ވައްކަންކޮށްގެން ގެއްލުވާލާފައިވާ ފައިސާ ހޯދައިދިނުމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ވެރިކަމުގެ ފުރަތަމަ ދުވަހު އެމަސައްކަތް ފައްޓަވާނެ ކަމަށްވެސް އިބޫ ވަނީ ވިދާޅުވެފަ އެވެ.