Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ސައިޒު ދައްކާލަން ކިހާވަރެއް ޚަރަދު ކޮށްލާނެބާ: އަމީތް

މަޑުއްވަރީ ދާއިރާގެ މެމްބަރ އަމީތު، ފޮޓޯ: އަވަސް

ޕީޕީއެމްގެ ރަސްމީ ސައިޒު ދައްކާލަން ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް ނިހާން ވިދާޅުވުމުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު އަމީތުގެ ސުވާލެއް ނިހާނަށް ކުރިމަތިކުރައްވައިފިއެވެ.

އަމީތު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރަސްމީ ސައިޒު ދައްކާލަން ކިހާ ވަރެއް ޚަރަދު ކުރާނަންތޯއެވެ. އަމީތު ވަނީ 2016 ވަނަ އަހަރު ޕީޕީއެމުން "އަސްލު ޖަލްސާގެ" ނަމުގައި ބޭއްވި ބޮޑު ޖަލްސާއަށް 12 މިލިއަން ރުފިޔާ ޚަރަދު ކުރި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ކާނިވާ ސަރަހައްދު ފުރާލުމުން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި އެވާހަކަ ދައްކާފައެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ބޭފުޅުން ވިދާޅުވީ ދެހާސް މީހުން ކިރިޔާ އެޖަލްސާއަށް ހަމަވިއިރު އޭގެ ކުރީރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ތިރީސް ހާސް މީހުން ބައިވެރިވެފައިވާ ކަމަށެވެ.

ނަމަވެސް އަދަދާ ގުޅޭ ގޮތުން ނިހާން އެއްޗެއް ވިދާޅުވާން ދެކޮޅު ހެއްދިއިރު ނިހާން ވަނީ ރަސްމީ ސައިޒު ދައްކާލާނެ ބޮޑު ޖަލްސާއެއް ބާއްވާނެކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް އަމީތު ކުރެއްވި ސުވާލަށް ނިހާން އަދި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.