ޒަކާތު ފަންޑުގެ އެހީގައި ދޭ ސްކޮލަރޝިޕްގެ ލިޔުން 31 ދަރިވަރަކަށް މިއަދު ހަވާލު ކޮށްފި އެވެ.
އެ ދަރިވަރުންނަށް ސްކޮލަރޝިޕްގެ ލިޔުން ހަވާލު ކުރީ އެކަމަށްޓަކައި މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ވަނީ ދީނީ ދާއިރާއިން 14 ސްކޮލަރޝިޕް، ވިޔަފާރި އާއި ޓެކްނޮލޮޖީގެ ދާއިރާއިން 3 ސްކޮލަރޝިޕް، ސިއްޙީ ދާއިރާއިން 11 އާއި އިންޖިނިއަރިންގ ދާއިރާއިންގެ 2 ފުރުސަތު އަދި ޤާނޫނީ ދާއިރާއިން 1 ސްކޮލަރޝިޕްގެ ފުރުސަތު ދީފައެވެ.
މީގެ އިތުރުން މިސްރުގައި ކިޔަވާ ދަރިވަރުންގެ ޚަރަދުތައް ވެސް ޒަކާތު ފަންޑްގެ ސްކޮލަރޝިޕްގައި ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ މުދަލު ޒަކާތުގެ ސަބަބުން އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކެއް ހައްލުވަމުން އަންނަ ކަމަށާއި، މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ހުރިހާ އެންމެން ޒަކާތް ދައްކާ ނަމަ، މިހާރަށް ވުރެ ގިނަ އެހީތައް ދެވޭނެ ކަމަށެވެ.
މީގެ އިތުރުން، ޒަކާތް ދެއްކުމަކީ، ހަމައެކަނި ވިޔަފާރިވެރިން ކުރަންޖެހޭ ކަމެއް ކަމުގައި ގިނަ މީހުންނަށް ހީވިނަމަވެސް، އެއީ އާމްދަނީ ލިބޭ ހުރިހާ އެންމެން އަދާކުރަންޖެހޭ ވާޖިބެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޮލަރޝިޕް ދިނުމަށް ޒަކާތު ފަންޑުން ވަނީ 10 މިލިއަން ރުފިޔާ ހަމަޖައްސަވާފައެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން ރާއްޖޭގެ އިތުރުން އޭޝިޔާ ސަރަޙައްދުތަކުގެ އެހެން ޤައުމުތަކުންނާއި މިސްރުގެ އަލްއަޒްހަރް ޔުނިވާސިޓީއިން ތަޢުލީމް ހާސިލްކުރެވޭނެ އެވެ. އެގޮތުން މި ސްކޮލަރޝިޕްތަކުގެ ދަށުން ޑިޕްލޮމާ އިން ފެށިގެން ޑިގްރީ ފެންވަރަށް ރާއްޖޭގައި ކިޔެވޭއިރު، ރާއްޖޭން ބޭރުގައި ޑިގްރީ އާއި މާސްޓާޒް ފެންވަރަށް ކިޔެވޭނެ އެވެ.