Last Updated: June 23, 18:18
Tuesday, June 23, 2026
ޚަބަރު

ތޮއްޑޫ ވަގުފް ބިންތައް ކައުންސިލާ ހަވާލުކޮށްފި

އއ. ތޮއްޑޫ މަތިން ފެންނަ ފޮޓޯއެއް - ފޮޓޯ: ގޫގުލް

އއ. ތޮއްޑޫގައި އިމާރާތް ކުރި ވަގުފް ބިންތައް އެ ރަށު ކައުންސިލާ ހަވާލުކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މުއިއްޒު ވިދާޅުވެފައި ވަނީ ތޮއްޑޫގައި ވަޤުފް ބިންތައް ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ކަންކަމަށް ބޭނުން ކުރުމަށް ތޮއްޑޫ ކައުންސިލާއި މިހާރު ވަނީ ހަވާލު ކުރެވިފައި ކަމަށެވެ.

"މިއީ ރައީސް ޔާމީން ތޮއްޑޫ ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ކަމެއް"، މުއިއްޒުގެ ޓްވީޓްގައި ފާހަގަކުރެއްވި އެވެ.

މިދިޔަ ހަފްތާގައި އަރިއޮތޮޅާއި ނިލަންދެ އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީ ތޮއްޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ރަށުގެ ވަޤުފް ބިންތައް ރައްޔިތުންނަށް ދޫކުރުމަށް އެމަނިކުފާނު ނިންމާފައިވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ބިންތައް ރައްޔިތުންނަށް ހޯދައި ދެނީ ސަރުކާރުން ބަދަލުދީގެން ކަމަށާއި އެ ވަޤުފް ބިންތަކަށް ރައްޔިތުން ބަދަލުދޭކަށް ނުޖެހޭނެ ކަމަށާއި، ތޮއްޑޫއިން 80 ގޯތި ދޫކުރުމަށް ކައުންސިލަށް އަންގަވާފައިވާ ކަމަށެވެ.