Last Updated: April 26, 14:54
Friday, April 26, 2024
ޚަބަރު

ވޯޓުލުމަށްފަހު ވޯޓުކަރުދާސްކޮޅުގެ ސައްހަކަން ނުބެލޭނެ: އިއްތިހާދު

ވޯޓުލުމަށްފަހު ވޯޓު ކަރުދާސްކޮޅުގެ ސައްހަކަން ނުބެލޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ވޯޓުލުމުގެ ކުރިން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

މިކަމާބެހޭ ގޮތުން އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ވޯޓުލުމަށްފަހު ވޯޓުގުނުމުގެ ކުރިން ވަކި ޑިވައިސްއެއް ބޭނުންކޮށްގެން ވޯޓުކަރުދާސްކޮޅުގެ ސައްހަކަން ބެލުމަށްފަހު ގުނާނީ ސައްހަ ކަރުދާސްތައް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ކަމަށެވެ. މިއީ ދުނިޔޭގައި އެއްވެސް ތަނެއްގައި ކަންކުރާ ގޮތް ނޫން ކަމަށާއި ވޯޓުކަރުދާހުގެ ސައްހަކަން ބަލަންޖެހޭނީ ވޯޓުލުމުގެ ކުރިން ކަމަށްވެސް އެ ކަމަނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ވޯޓުލުމުގެ ފަހުން އެކަން ކުރާނަމަ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށާއި މިއީ ރައީސް ޔާމީނަށް ފަހިވާގޮތަށް ނަތީޖާ ގެނައުމަށް ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށް މާރިޔާ ތުހުމަތު ކުރެއްވިއެވެ. އަދި މިކަން ވަގުތުން ހުއްޓާލުމަށް މާރިޔާ ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.

ވޯޓު ކަރުދާސްކޮޅުގެ ސައްހަކަން ބަލަން ޖެހޭނީ ވޯޓު ލުމުގެ ކުރުން ކަމަށާއި ވޯޓު ލުމަށްފަހު ކުރިޔަށް ދާނީ ވޯޓު ގުނުން ކަމަށް މާރިޔާ ވިދާޅުވިއެވެ. ވޯޓުލާ މަރުކަޒާއި ހަމަޔަށް ސައްހަ ކަރުދާސްކޮޅު ފޮނުވުމަކީ އީސީގެ ޒިންމާއެއް ކަމަށާއި އެކަން ނުކުރެވޭ ނަމަ ކޮމިޝަނުގައި ޤާބިލްކަން ނެތީކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

"އިލެކްޝަނުން ފޮނުވާ ކަރުދާސްކޮޅެއް މީހުން ބޭނުންކުރަނީ. އިލެކްޝަނުން ސައްހަތޯ ބަލާ ކަމަށްވާނަމަ މީހާގެ އަތަށް ދިނުމުގެ ކުރިން ބެލޭނެ. ފޮށިތެރޭ އޮންނަ ކަރުދާސްކޮޅެއް ނޫން އެބޭފުޅުން ބައްލަވަންވީ. އިލެކްޝަނުން ދޭ ކަރުދާސްކޮޅެއްގައި ވޯޓުއަޅަނީ. އެބޭފުޅުންގެ އަމިއްލަ ނަފުސާ ދޭތެރޭ މިހާރު އެބޭފުޅުން އިތުބާރު ނެތިގެން އެއުޅުއްވަނީ" މާރިޔާ ވިދާޅުވިއެވެ.

މިފަހަރު ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ނެތުމުގެ ސަބަބުން ވޯޓުގެ މިނިވަން ކަމަށް ހިޔަނި އެޅޭނެ ކަމަށް ވެސް ގިނަ ފަރާތްތަކުން ބުނަމުން ގެންދެއެވެ.