Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ބޭރުގެ އޮބްޒާވަރުންގެ ގޮތުގައި ތިބެނީ ކޮންބައެއްކަން އެނގެންޖެހޭ: މާރިޔާ

ފޮޓޯ:ރާއްޖެ.އެމްވީ

މާރިޔާ ވިދާޅުވީ އޮބްޒާވަރުންގެ ގޮތުގައި ބޭރުގެ 80 ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު އެއީ ކޮން ބައެއްކަން ވެސް އެނގެންޖެހޭ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޮބްޒާވަރުންގެ ގޮތުގައި ތިބޭ ބަޔަކީ ބޭރު ދުނިޔޭގައި ބަސްބުނެވޭ އަދި އިތުބާރުހުރި ބަޔަކަށް ވާންޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ. އދ.އާއި އީޔޫ ފަދަ ޖަމާއަތްތަކުން ރަސްމީ ސިފައެއްގައި އޮބްޒާވަރުން ބައިވެރި ނުކުރާނެ ކަމަށް ބުނެފައިވާ އިރު އިލެކްޝަންސް ކޮމިޝަނުން ހުއްދަދިން ބޭރުގެ އޮބްޒާވަރުންނަކީ ކޮންބައެއްކަން ނޭނގޭނަމަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބައެނގެންޖެހޭ މިވިދާޅުވާ ބޭރުގެ މީހުންނަކީ ކޮންބައެއްކަން. އިލެކްޝަންސް ކޮމިޝަނުން މިއީ ދެފުށްފެންނަ ހާމަކަންބޮޑު އިންތިޚާބަކަށް ހަދަންޖެހޭ. އެކަމަކު މިފެންނަނީ ހުރިހާ ކަމެއް ސިއްރުކުރާތަން. ކެންޑިޑޭޓުން ސޮއިކުރައްވާނެ ވޯޓުލާސް ލިސްޓު ސިއްރުކުރުން. އަދި މި 85 ބޭރުމީހުންގެ މައުލޫމާތު ވެސް ނުދީ މިގޮތަށް ކަން ކުރެއްވީމަ ކަމަކު ނުދާނެ" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އޮބްޒާވަރުންނާއި އޮފިޝަލުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ދިހަވަރަކަށް ހާސް މީހުންގެ ފޯމު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ޚަބަރެއް ނުވާ ކަމަށް ވިދާޅުވިއެވެ.

އިންތިޚާބަށް ދެހަފުތާއަށްވުރެ ކުޑަތަންވެފައިވާއިރު އޮބްޒާވަރުންނާއި އޮފިޝަލުން ރަށްރަށަށް ފޮނުވުމަށް ވަގުތު އޮއްވައި ފާސް ބޭނުންވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. މީގެ އިތުރަށް މާރިޔާ ވިދާޅުވީ ކެންޑިޑޭޓް ސޮއިކުރުމަށް ފަހުގެ ވޯޓާސް ލިސްޓު އަދިވެސް ނުލިބޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށްފައިވާ ލިސްޓަށް އޭގެ ފަހުން އެތައް ބަދަލުތަކެއް އައިސްފައިވުމުން އެއީ ފުރިހަމަ ލިސްޓެއް ނޫން ކަމަށެވެ.