ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ހުރަސްއެޅުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގުމަށް ބަޔަކު ރާވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުން ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ އިންތިޚާބަކީ މިނިވަން އަދި އިންސާފްވެރި އިންތިޚާބެއް ނޫންކަމަށް ދެއްކުމުގެ ގޮތުން ރާއްޖޭގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ބައެއް ތަންތަނުގައި ހުޅުޖަހައި ރޯކޮށް އާންމުންގެ މުދަލާއި ފުރާނައަށް ގެއްލުން ދިނުމަށް ރާވަމުން އަންނަކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށާއި ތަހުޤީޤުތަކަށް ލިބިފައިވާކަން ފާހަގަކުރައްވައި ޝިފާން ވިދާޅުވީ އެފަދަ ކަންކަން ހުއްޓުވުމުގެ ގޮތުން އެކަންކަން ރާވާ ފަރާތްތަކާއި، އެފަދަ ކަންކަމަށް ވާގިވެރިވާ ފަރާތްތަކާ މެދު ވެސް، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަދި އެފަދަ ކަންކަން ރާވާ ފަރާތްތަކަށް އެކަން ނުކުރުމަށް ވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.
ކުރިއަށް އޮތް އިންތިޚާބަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް ނޫންކަން، ބޭރުގެ ބައެއް ފަރާތްތަކަށް ދެއްކުމަށްޓަކައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ރާއްޖޭގައި ހިނގި ހަމަނުޖެހުންތައް ތަކުރާރުކޮށް، އެފަދަ ޢަމަލުތައް ހިންގުމަށް ބަޔަކު ރާވަމުން އަންނަ ކަމަށް ޝިފާން ވިދާޅުވި އެވެ.
އަދި ހަމަ އެހެންމެ އިންތިހާބުގެ ނަތީޖާ ނިކުންނަ ގޮތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ކަންތައްތަކެއް ހިންގުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެފަދަ އެއްވެސް ކަމަކަށް ފުރުސަތެއް ނުދޭނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.