ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަރަށް ޚާއްސަ ޖަލްސާއެއް އަންނަ ހަފްތާގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "އެންމެން އެކަކަށް"ގެ ނަމުގައި އެ ޕާޓީގެ ޚާއްސަ ޖަލްސާއެއް 17 ސެޕްޓެމްބަރު 2018 ވާ ހޯމަ ދުވަހު މާލޭގައި އޮންނާނެ ކަމަށެވެ.
PPM ge kh’aassa Rally “Enmen Ekakah”
17 September (Hoama dhuvahuge rey)Male’gai…— Abdul Raheem Abdulla (@Banafsaa) September 10, 2018
ޕީޕީއެމް އިން އަންނަ ހޯމަ ދުވަހު ޖަލްސާއެއް ބާއްވަން ނިންމިއިރު، އިދިކޮޅު ފަރާތްތަކުގެ ބޮޑު ޖަލްސާއެއް ވެސް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާފައެވެ. މާލޭ ކާނިވާ ސަރަޙައްދުގައި ބޭއްވި އެ ޖަލްސާ ވެގެންދިޔައީ ފާއިތުވި ތިން އަހަރު ތެރޭގައިވެސް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޖަލްސާ އަށެވެ.
ޕީޕީއެމް އިން މިދިޔަ ހުކުރ ދުވަހުވެސް ޖަލްސާއެއް ބޭއްވިއިރު، އެ ޖަލްސާއަށް ވުރެ ގިނައިން އިދިކޮޅު ފަރާތްތަކުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބޮޑު ޖަލްސާގައި މީހުން ބައިވެރިވުމާ ގުޅިގެން ޕީޕީއެމް އަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އެކަމަށް ރައްދުދެއްވައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް ބާއްވާ، އަސްލު ސައިޒު ދައްކާލާނެ ކަމަށެވެ.
ނިހާން ވިދާޅުވީ ޒަމާނުއްސުރެ ވެސް ރައީސް އަބްދުﷲ ޔާމީން އާއި ޒުވާނުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށާއި، ރައީސް ޔާމީންގެ ފުރަތަމަ މެނިފެސްޓޯ ވެސް ހިއްސާކުރެއްވީ ޒުވާނުންގެ ތެރެއިން ކަމަށެވެ.
އަދި ޒުވާނުން ތިބީ އިދިކޮޅު ފަރާތްތަކާއި އެކު ކަމަށް އެ ބޭފުޅުން ހީފުޅުކުރެއްވިނަމަވެސް، އެމްޑީޕީގެ ފިކުރުގެ ތެރެއިން ދިވެހި ޒުވާނުން ދަތުރު ކުރި ޒަމާން މާޒީވެ ނިމިއްޖެކަން ހަފްތާއެއްގެ ތެރޭގައި ވަރަށް ސާފުކޮށް ހާމަކޮށްދޭނެ ކަމަށެވެ.
ނިހާން ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާއަކީ ރަށްރަށުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއެއް ނޫން ކަމަށާއި، ނަމަވެސް މި މަހުގެ 17 އަދި 18 ވަނަ ދުވަހު ރަށްރަށުން ވެސް މީހުން ގެނެސްގެން ޕީޕީއެމްގެ "ރަސްމީ ސައިޒު" ދައްކާލާނެ ކަމަށެވެ.
އަދި އެ ޖަލްސާގެ އެންމެ ކުރީ ސަފުގައި ތިބޭނީ ދިވެހި ޒުވާނުން ކަމަށްވެސް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ދަންނަވާކަށް ބޭނުމެއް ނުވާ ކަމަށާއި، ޕީޕީއެމް އިން ރަސްމީ ޖަލްސާ ބޭއްވުމަށް ފަހު ދެން އިދިކޮޅު ފަރާތްތަކަށް ބުނާނެ އެއްޗެއް ނޯންނާނެ ކަމަށެވެ.