ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ އާ ރަންވޭ އަކީ ދުނިޔޭގެ އަށް ޤައުމެއްގެ މާހިރުން ހިމެނޭ ޓީމެއްގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ވީއައިއޭގެ އާ ރަންވޭ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭނެ ކަމަށާއި، ރަންވޭގެ މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ ބޮޑު ކޮންސެލްޓެންސީ ފާމް ކަމަށްވާ ސިންގަޕޫރު ސުރުބާނާ އިންޓަނޭޝަނަލްގެ ބެލުމުގެ ދަށުން ކަމަށާއި، އެ މަޝްރޫޢުގެ ހުރިހާ މަސައްކަތެއް ވެސް ކުރާނީ ބައިނަލްއަޤްވާމީ ފެންވަރަށް ކަމަށެވެ.
އާދިލް ވިދާޅުވީ އެއާޕޯޓް މަޝްރޫޢުގެ ހުރިހާ ކަމެއް ވެސް ކުރަނީ ކޮންސަލްޓެންޓުންގެ ލަފާއާއި އިރުޝާދުގެ މަތިން ކަމަށާއި، އެމީހުން ލަފައާއި ނުލައި އެއާޕޯޓްގައި ލޭޔަރެއް ވެސް އަޅާފައި ނުހުންނާނެ ކަމަށެވެ.
މީގެ އިތުރުން އާދިލް ވިދާޅުވީ ދުނިޔޭގެ އެއްވެސް އެއާލައިނެއް އެއާޕޯޓަކަށް އޮޕަރޭޓް ކުރާނީ އަމިއްލަ އަށް އެސެސްމަންޓް ތަކެއް ހެދުމަށްފަހު ކަމަށެވެ. އަދި އާ ރަންވޭ އަކީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ޖަމިއްޔާގެ މިންގަނޑުތަކަށް ވެސް ފެތޭ، ޓެސްޓް ފްލައިޓަށް ތައްޔާރުވެފައި އޮތް ރަންވޭއެއް ކަމުގެ ޔަޤީންކަން ދެއްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އާދިލް މިހެން ވިދާޅުވިއިރު، ވީއައިއޭގެ އާ ރަންވޭ ހަދާފައިވަނީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ މިންގަނޑުތަކާ ޚިލާފަށް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އާ ރަންވޭ މި މަހުގެ 18 ވަނަ ދުވަހު ހުޅުވާއިރު، އެ ދުވަހު ރާއްޖޭގެ ތާރީޚުގައި ވެސް ޖައްސާ އެންމެ ބޮޑު ބޯޓު ކަމަށްވާ އިއްތިހާދު އެއާވޭސްގެ ފްލައިޓެއް ވީއައިއޭގެ އާ ރަންވޭގައި ޖައްސާނެ އެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.