Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ރައީސް ޔާމީންގެ އަބުރާ ބެހުނު މައްސަލަ ބުދަ ދުވަހު ޝަރީއަތަށް

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއާ ޓީވީ ސްޓޭޝަން ރާއްޖެ ޓީވީއާ ދެކޮޅަށް ކުރާ އަބުރުގެ ދައުވާގެ މައްސަލަ ބުދަ ދުވަހު ކޯޓަށް ހުށައަޅަން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ހާމަކޮށްފައިވާ ގޮތުގައި އެމަނިކުފާނުގެ އިންތިޚާބީ ހައްގަށް އަރައިގަނެވޭ ގޮތަށް އެމްޑީޕީއިން ގެނެސްދިން ބަޔާނުގެ ސަބަބުން އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރުއެވެ.

އަދި ރާއްޖެ ޓީވީ އެ ނޫސްވެރިންގެ ބައްދަލުވުން ބްރޯޑްކާސްޓު ކޮށްފައިވާތީ އެ ސްޓޭޝަނާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ ހާމަކޮށްފައެވެ. ދާދި ފަހުން ވެސް ރާއްޖެ ޓީވީއަށް ވަނީ 2 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ކޮށްފައެވެ. އަދި މިހާރު އެ ސްޓޭޝަނުން ވަނީ އެ ފައިސާ ދައްކާފައެވެ.