އެބޭފުޅުން ކުރިމަތި ލައްވަނީ ކޮރަޕްޝަނާއި ފަސާދައިން ތަޣައްޔަރުވެފައިވާ ދައުލަތް ހިންގުމުގެ ނިޒާމް ސާފުކުރުމަށް ކަމަށް ގުޅިފައިވާ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނ ވެލިދޫގައި ބާއްވަމުން ގެންދަވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބޫވަނީ ރައްޔިތުންނަށް ހުރި ދަތި އުނދަގޫތަކަށް ބައްލަވާލައްވާ އެބޭފުޅުންގެ ސަރުކާރެއްގައި ކޮށްދެއްވާނެ ގިނަ ކަންތައްތަކަށް އަލިއަޅުއްވާ ލައްވާފައެވެ.
ކެމްޕޭނުގައި މިހާތަނަށް އެ ބޭފުޅުން 178 ރަށަށް ދަތުރު ކުރައްވާފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ. ގިނަ ޝަކުވާތަކެއް ރައްޔިތުންގެ ފަރާތުން އިވިވަޑައިގެންފައިވާ ކަމަށާއި ރައްޔިތުންގެ ޝަކުވާއަކީ ނަހަމަ ހަމަޔަށް ހައްދަވާ ނާއިންސާފު މި ފަސް އަހަރުގައި އާންމުވެފައިވާކަން ކަމަށް އިބޫ ވިދާޅުވިއެވެ.
އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދޭނެ އެއްކަމަކީ ސިއްޚީ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ކަމަށް އިބޫ ވިދާޅުވިއެވެ. އެގޮތުން ނޭޝަނަލް އެމްބިއުލާންސް ސަރވިސް ތައާރަފް ކުރެވި އަވަސް ޕެރެމެޑިކްސް ޚިދުމަތް ތައާރަފް ވެގެންދާނެ ކަމަށެވެ. އަދި ހެލްތް ވޯކަރުންނާއި ނަރުހުންގެ މުސާރަ ބޮޑުކުރެވިގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން 4 ސަރަހައްދެއްގައި ފެންވަރު ރަނގަޅު 4 ހޮސްޕިޓަލް ބިނާކުރެވިގެންދާނެ ކަމަށާއި ފެންވަރު ރަނގަޅު ސިއްޚީ ޚިދުމަތް އެތަންތަނުން ލިބެން ހުންނާނެ ކަމަށް އިބޫ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި މެޑިކަލް ނެގްލިޖެންސް އަދި މެންޓަލް ހެލްތް ފްރޭމް ވޯކެއް ހެދިގެންދާނެ" އިބޫ ވިދާޅުވިއެވެ. އެ ބޭފުޅުންގެ ސަރުކާރުގައި ނޭޝަނަލް މެންޓަލް ހެލްތް ސެންޓަރެއް އުފައްދާ ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ އާސަންދައިގެ ތެރޭން ހަމަޖެހިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ވެލިދޫގެ ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދި ޒުވާނުންނަށް ރަނގަޅަށް ފުޓްބޯޅަ ކުޅެވޭނެ ދަނޑަކަށް ހެދިގެންދާނެ ކަމަށާއި، އެރަށުގައި ފްލެޓް އެޅިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އިބޫގެ ވެރިކަމެއްގައި އެ ރަށުގައި ޖޫނިއާ ކޮލެޖެއް ގާއިމްވެގެންދާނެ ކަމަށް އިބޫ ވިދާޅުވިއެވެ.